ވިޔަފާރިތައް ބަނގުރޫޓްވާ އިރުވެސް ސައީދުގެ ކަމަކީ ފޮނި ބައިސާ ކެނޑުން: އަމީރު

މުދަލާއި ހިދުމަތުގެ އަގުތައް މައްޗަށް ގޮސް، އަމިއްލަ ފަރުދުންގެ ދިރިއުޅުން ހަނާވެ، ވިޔަފާރިތައް ބަނގުރޫޓްވާ އިރުވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ މަސައްކަތެއްގެ ގޮތުގައި ފެނިގެން ދަނީ ފޮނި ބައިސާ ކެނޑުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ އަމިއްލަ ގާބިލްކަމެއް ނެތިއްޔާ އެހެން މީހުންގެ ވާހަކަ ނުދައްކާ މަޑުން ހުރިއްޔާ މާ ތާހިރު ވާނެ ކަމަށެވެ. އަމީރު އެފަދައިން ވިދާޅުވީ މި ސަރުކާރުން ބޮޑު ބަޖެޓެއް ފާސްކޮށް، އެ ފައިސާ ހޭދަކުރި ނަމަވެސް ވިޔަފާރިތަކަށް ފައިސާ ދޫނުކޮށް، ވިޔަފާރިތައް ބަނގުރޫޓޫވެ މުދަލުގެ އަގު އުފުލެމުން ދާ ދަނޑިވަޅެއްގައި މިހާރު އުފުލަންޖެހޭ ހުރިހާ ދައްޗެއް ދިވެހީންނަށް ގެނެސްދިނީ އެމްޑީޕީން ކަމަށް މިނިސްޓަރު ސައީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.އަމީރު ވިދާޅުވީ ކޮވިޑުގެ ތެރޭގައި ނަގަން ޖެހުނު ދަރަންޏަކީ ގައުމު ސަލާމަތްކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތައް ސަލާމަތްކުރަން ކޮންމެހެންވެސް ކުރަންޖެހުނު ކަމެއް ކަމަށެވެ.ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް އަކީ މުޅި މާލެ ސަރަހައްދުގެ އިގްތިސާދު އެއްކޮށް ބަދަލުކޮށްލައި، އިޖްތިމާއީ ގިނަ ކުރިއެރުންތައް ގެނުވާނެ ޕްލޭންތަކާއި އެކު ފެށުނު މަސައްކަތެއް ކަމަށާއި ބްރިޖްގެ ލޯނަކީ 5 އަހަރުގެ ގްރޭސް ޕީރިއަޑަކާއި އެކު 25 އަހަރުން ދައްކަންޖެހޭ އަގު ހެޔޮ ލޯނެއް ކަމަށް އަމީރު ވިދާޅުވި އެވެ.އަމީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާލޭ ކޮމާޝަލް ޕޯޓް ގުޅިފަޅަށް ބަދަލުކޮށް، މާލޭ ޕޯޓް ސަރަހައްދު ތަރައްގީކުރުމަށް ކަނޑައެޅިފައިވާ ފައިސާއިން މިހާރު މިސަރުކާރުން ހައުސިންގ މަޝްރޫޢުތައް ހިންގަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ގުޅިފަޅު އެއްކޮށް ހިއްކައި، ގިރާވަރު ހިއްކުމުގެ މަސައްކަތް ނިންމައި، މީހުން އާބާދުކުރުމުގެ މަސައްކަތް ފެށެން ޖެހޭނެ ވާނެ ކަމަށާއި އެ ޕްލޭންތައް ވެސް ހުރީ ހެދިފައި ކަމަށް އަމީރު ވިދާޅުވި އެވެ"މާލެ ކޮމާޝަލް ޕޯޓް ގުޅިފަޅަށް ބަދަލުކޮށް، މާލެ ޕޯޓް ސަރަހައްދު ތަރައްގީކުރަން ހުރި ފައިސާއިން މިހާރު ތި ހައުސިން އަޅަން މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ