އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އާއި އެމްޑީޕީގެ މެމްބަރުންނާ ދެމެދު ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހިނގި "ކުރިމަތިލުމަކީ" ނުނިމި އޮތް މިސްކިތެއްގެ ބަހުސްއާ ހަމައިން ނިންމާލެވޭ ވަރަށް ވުރެ ސީރިއަސް، ބޮޑު މައްސަލައެކެވެ.
ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެންމެ މަތީ ބާރެވެ. އެންމެ މަތީ ޑިމޮކްރެޓިކް ޕްލެޓްފޯމެވެ. އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ގާނޫނުއަސާސީގައި ބުނެފައި ވާއިރު، ދައުލަތުގެ ތިން ބާރުން ވެސް ރަމްޒުވާން ޖެހޭނީ ރައްޔިތުންގެ ބާރެވެ.
އެ ސަބަބަށްޓަކައި، ދައުލަތުގެ އެހެން ބާރުތަކުގެ ވެރިން ހިމެނޭހެން ބޭނުން ކޮންމެ މީހަކު ހާޒިރުކޮށް ސުވާލުކުރުމުގެ ބާރު ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރައްޔިތުންގެ ފަރާތުން ދީފައިވެ އެވެ. މެންބަރުން ކުރައްވާ ސުވާލުތަކަށް ތެދު ބަހުން ޖަވާބުދޭން ޖެހެ އެވެ. ދޮގު ހަދައިފި ނަމަ އެއީ ބޮޑު ކުށެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާއަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ހާޒިރުކުރީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރައްވާފައިވާ ސުވާލަކާ ގުޅިގެންނެވެ. މަޖިލީހުގެ އާންމު އުސޫލުން، މިނިސްޓަރާ ސުވާލުކުރުމުގެ ވަގުތުގައި އިސްލާމިކް މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކޮންމެ ކަމަކާ ގުޅޭ ގޮތުން، އެހެން މެންބަރުންނަށް ވެސް ސުވާލު ކުރެވެ އެވެ.
އެ ފުރުސަތުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލު ސުވާލު ކުރެއްވީ ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި ހިތަދޫގައި ބިނާކުރަން ފެށި ބޮޑު އިސްލާމިކް ސެންޓަރުގެ މަސައްކަތް ފިނިހަކަ ދުވެލީގައި ކުރިޔަށް ދާތީ، އެކަމުގެ ކަންބޮޑުވުމާއެކު، ވެގެން އުޅޭ ގޮތެއް ސާފުކުރުމަށެވެ. މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ ގޮތުގައި ވެސް ހުންނެވި ނާޒިލު ކުރެއްވި ސުވާލު، ހުލާސާ ކޮށްލާނަމަ، އޭނާ އެއްސެވީ، މަޝްރޫއު ލަސްވަމުންދާ ސަބަބަކީ ކޮންޓްރެކްޓަރަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދެއްކުންތޯ އެވެ.
"ހިތަދޫގައި އެމްޑީޕީ ސަރުކާރުން އަޅަން ފަށާފައިވާ އިސްލާމީ މަރުކަޒު، އެ މަރުކަޒުގައި ގުރުއާނާއިބެހޭ ބައެއް ވެސް ހިމެނޭ. ޒަކާތު އޮފީހެއް ވެސް ހިމެނޭ. ޖަލްސާކުރާ މާލަމުތަކެއް ވެސް ހިމެނޭ. ހަމަ ދިއްދޫގައި އޭރު އެމްޑީޕީން ހަވާލުކުރި މޮޑެލްގެ ތަނެއް. މަސައްކަތް ކުރިއަށް ނުދަނީ ކޮންޓްރެކްޓަރަށް ފައިސާ ނުދެވޭތީ ކަމަށް ކޮންޓްރެކްޓަރު އެބަ ބުނޭ. އެ ކިހިނެއް ހިނގާ ކަމެއްތޯ؟ އަދި އެ މިސްކިތް ނިމޭނެތޯ ކުރިއަށް މިއޮތް ދެތިން އަހަރުތެރޭގައި، ސުވާލުގެ ޖަވާބު ލިބިދާނެތޯ؟" އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި ނާޒިލް ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ސާދާ ޖަވާބެއް ދެއްވެން ޝަހީމްއަށް އޮތެވެ. ނަމަވެސް ޝަހީމް ނާޒިލްއަށް ޖަވާބުދެއްވީ ސިޔާސީ ރާގުގަ އެވެ.
އެގޮތަށް ޝަހީމް ޖަވާބު ދެއްވުމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން އަތް ޖެއްސެވީ މަލާމާތަށެވެ. އިދިކޮޅު މެންބަރުންގެ ހިތްހަމަ ނުޖެހުމުގެ އަޑާއެކު ޝަހީމަށް ނަފުސް ކޮންޓްރޯލް ނުކުރެއްވުނެވެ. އޭނާގެ ޖަވާބު ދެއްވަމުންދިޔަ އަޑުން ރުޅިވެރިކަމާއި ރުންކުރުކަން ފާޅުވި އެވެ.
ޝަހީމް އަމަލު ކުރައްވަމުން ގެންދެވި ގޮތުން އިހުސާސް ވެގެން ދިޔައީ މަޖިލީހުގެ ތަޅުމުގައި އެ ވަގުތު ހުންނެވި އެންމެ "ބާރުގަދަ" ބޭފުޅަކީ ޝަހީމް ހެނެވެ. މަޖިލީސް ހަމައަކަށް އަޅުވަން، ރިޔާސަތުން މަސައްކަތް ނުކުރެއްވީ ޝަހީމް ޖަވާބު ދެއްވި ގޮތް ރިޔާސަތަށް ވެސް ކަމު ދިޔުމުން ކަމަށް ގަބޫލު ކުރެވެ އެވެ.
"ތިޔަ ހިއްސާ ކުރެއްވި މައުލޫމާތަކީ މުޅިން ހަގީގަތާ ހިލާފު މައުލޫމާތެއް. އެ މިސްކިތް ނުވަތަ އެ ސެންޓަރު ހަވާލުކޮށްފައިވާ ކުންފުންނަށް އެއްވެސް ބިލަކަށް ފައިސާ ނުދައްކައެއް ނޯންނާނެ. ހުރިހާ ބިލަކަށް ފައިސާ ދައްކާފައި އޮންނާނީ. ހުރިހާ ބިލަކަށް ފައިސާ ދައްކާފައި އޮންނާނީ. ކެޕޭސިޓީ ނެތް ފަރަތްތަކަށް މަސައްކަތް ހަވާލުކުރީމަ މަޝްރޫއު ލަސްވަމުން ދަނީ،" ނާޒިލްއަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވި އެވެ.
"އާދެ، ކެޕޭސިޓީ ނެތް ފަރާތްތަކާ މަސައްކަތް ހަވާލުކުރީމަ މަސައްކަތް ލަސްވަމުން ދަނީ. އަޅުގަނޑުމެން މި ސަރުކާރު އައި ފަހުން، އަޅުގަނޑުމެން މި ސަރުކާރު އައި ފަހުން؛ އިއްޒަތްތެރި މެންބަރު، އިއްޒަތްތެރި މެންބަރު އަޑުއައްސަވާ! ސުވާލު ކުރައްވާފައި ޖަވާބު އަޑުއައްސަވަންވާނެ އިނގޭތޯ އިއްޒަތްތެރި މެންބަރު. އިއްޒަތްތެރި މެންބަރު. މި ސަރުކާރު އައި ފަހުން ހުރިހާ ފައިސާއެއް، ފައިސާ ނުދީ މަސައްކަތް ކުރައްވާފައި އޮތީ. ފައިސާ ނުދީ ހުރިހާ ދަރަންޏެއް އަޅުގަނޑުމެން އަދާކުރީ. 170 މިލިއަން ރުފިޔާ، އިއްޒަތްތެރި މެންބަރު އަޅުގަނޑުމެން މި ވަނީ ދައްކާފަ. ދޮގު މައުލޫމާތު ތިޔަ ފޯރުކޮށްދެއްވަނީ އަޅުގަނޑުމެންނަށް. އިއްޒަތްތެރި މެންބަރު އަޑު އައްސަވާ. ސުވާލު ކުރައްވާފައި ޖަވާބު އަޑުއައްސަވަން. ސުވާލު ކުރައްވާފައި ޖަވާބު އަޑުއެހުމުގެ ގާބިލަކް ތި ބޭފުޅާގެ ކިބައިގައި ހުންނަންޖެހޭނެ އިއްޒަތްތެރި މެންބަރު. ޖަވާބު އަޑުއެހުމުގެ ގާބިލްކަން ހުންނަންޖެހޭނެ."
ޝަހީމްގެ އެ ޖަވާބާއެކު މަޖިލީހުގެ ތަޅުން ހޫނުވެ ފާލުން ނެއްޓިގެން ދިޔުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބުރައީސް، އަހުމަދު ނާޒިމްއަށް ގޯސްވީ މަޖިލިސް މެންބަރުންނެވެ.
މަޖިލީހުގެ ނިޒާމުގެ ތަރުތީބު ހަމައަކަށް އެޅުވުމަށް ރިޔާސަތުން އެންގެވީ ޝަހީމް ވިދާޅުވި ގޮތަށް، "ސުވާލު ކުރައްވާފައި ޖަވާބު އަޑު އައްސަވާ،" ށޭ އެވެ.
ނާޒިމްގެ އެ ވާހަކައިން ހިތްވަރު ލިބިގަނެ، ޝަހީމް ދެން ޖަވާބުދެއްވަން ފެށްޓެވީ އަދި ކުރިއަށްވުރެ ވެސް ހަރުކަށިކޮށެވެ. ގާނޫނީ ވާޖިބު އަދާކުރުމަށް މަޖިލީހަށް ހާޒިރުކޮށްފައި ހުރި ވަޒީރު ނާޒިލްއަށް އިނގިލިން އިޝާރާތް ކުރައްވައި ރުންކުރުކޮށް ބަސްތައް ރައްދު ކުރަން ފެށްޓެވި އެވެ.
"ތިޔަބޭފުޅުން ތިޔައީ. ހުރިހާ ފައިސާއެއް އަޅުގަނޑުމެން ދެއްްކިން. އަޅުގަނޑުމެން މިނިސްޓްރީއާ ހަވާލުވީއިރު ވެސް 50 މިލިއަން ރުފިޔާ ނުދައްކާ އޮތް. އިއްޒަތްތެރި މެންބަރު އަޑު އައްސަވާ ޖަވާބު، ސުވާލުކުރައްވާފަ. ސުވާލުގެ ޖަވާބު އަޑު އެހުމުގެ ގާބިލުކަން ހުންނަންޖެހޭނެ އިއްޒަތްތެރި މެންބަރު. 50 މިލިއަން ރުފިޔާއިން އިސްލާމިކް މިނިސްޓްރީ ދަރުވާލާފައި ދިޔައީ. ލަދު ގަންނަންޖެހޭނެ ސުވާލު ކުރަން،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމްގެ ޖަވާބުން ވަރަށް ގިނަ ސުވާލުތަކާއި މައްސަލަތައް ތިލަވި އެވެ. އަދި ޝަހީމް އާއި އެމްޑީޕީގެ މެންބަރުންގެ ސުވާލުން، ސިޔާސީ ވާދަވެރިކަމުގައި މަޖިލީހުގެ ތަޅުމުގެ ސުލޫކާއި ކަރާމާތް ކަންފަތި ވެގެންދާ މިންވަރު ހާމަވި އެވެ.
އެ މައްސަލަ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ފާހަގަ ކުރެއްވީ އެހެންވެ އެވެ.
"އިސްލާމިކް މިނިސްޓަރަކީ އަޅުގަނޑު ވަރަށް އިހުތިރާމުކުރާ ބޭފުޅެއް. އެހެން ނަމަވެސް މިއަދު މި މަޖިލީހުގެ ތަޅުމުން ފެނުނީ ވަރަށް ޒިންމާދާރުކަން ކުޑަ މަންޒަރުތަކެއް،" މިވަގުތު މަޖިލީހުގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއް ބަރުލަމާނު، ގަފޫރު ވިދާޅުވި އެވެ.
"މަގާމުގެ ހައިސިއްޔަތުން ގާނޫނީ ޒިންމާއެއް އަދާކުރަން މިނިސްޓަރު ވަޑައިގެން މިނިސްޓަރަކަށް ޕީއެންސީގެ އެކްޓިވިސްޓެއް ގޮތުގައި މެންބަރުންނަށް ޖަވާބު ދިނުމަކީ އެއީ މިނިސްޓަރެއްގެ ހައިސިއްޔަތުން ބަލާއިރު ހުތުރު ކަމެއް."
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި، އެ މަޖިލީހުގެ ގަދަރަށާއި، އެ މަޖިލީހުގެ މަސައްކަތަށް އުނިކަމެއް ލިބިދާ ފަދަ ނުވަތަ ހުރަހެއް އެޅިދާފަދަ ކޮންމެ އަމަލަކީ މަޖިލީހުގެ އިމްތިޔާޒަށް އުނިކަމެއް ލިބިދިނުން ކަމުގައި ބެލެވޭނެ" ކަމަށެވެ.
އެގޮތުން، މިނިސްޓަރަކު ވިޔަސް މަޖިލީހުގެ ނިޒާމަށް އުނިކަން ލިބޭފަދަ އަމަލު ހިންގުމަކީ މަޖިލީހުގެ ކަރާމާތަށް އަރައިގަތުމެވެ.
ވަޒީރެއްގެ ގާނޫނީ ވާޖިބާ ގުޅޭ ގޮތުން ނާޒިލު ކުރި ސުވާލުގެ ޖަވާބުގައި ހިތްހަމަޖެހި ވަޑައިނުގެން ހުންނެވި ހާލަތެއްގައި ކަމަށް ވިޔަސް، "ސުވާލު ކުރަން ލަދުގަންނަން ޖެހޭނޭ"، މަޖިލީހުގެ ތަޅުމުގައި ޝަހީމް ވިދާޅުވި ވިދާޅުވުމަކީ، އަދި އެހެން ވިދާޅުވިއިރު، އޭނާގެ އިޝާރާތުންނާއި މޫނުމަތިން ފެނިގެން ދިޔަ ރުޅިވެރިކަމަކީ ރައްޔިތުންގެ ބާރަށް ގޮންޖެއްސެވުމެވެ. މަޖިލީހުގެ ކަރާމާތް ނަގައިލުމެވެ.
ޝަހީމްގެ މަގާމުގެ ހައިސިއްޔަތާއި، ރައްޔިތުންގެ ބާރު އިއްޔެ އޭނާ ހަނދުމަ ނެތް ފަދަ އެވެ.
ވަޒީރު ކަމުގައި ޝަހީމް އެ ހުންނެވީ، އެ މަގާމަށް ރައީސް މުހައްމަދު މުއިއްޒު އޭނާ އައްޔަން ކުރެއްވުމުންނެވެ. ނާޒިލް އިއްޔެ ކުރެއްވި ސުވާލު ކެބިނެޓު ބައްދަލުވުމެއްގައި ރައީސް މުއިއްޒު ޝަހީމްއާ ކުރެއްވި ނަމަ އިއްޔެ މަޖިލީހުގައި އޭނާ ދެއްވި މޭރުމުން ޖަވާބެއް ނުދެއްވީސްކަން ކަށަވަރެވެ. ޝަހީމް ޖަވާބު ދެއްވާނީ މަޑުމޮޅިކަމާއި އިހުތިރާމާއެކުކަން ޔަގީނެވެ.
ރައީސް މުއިއްޒު ރުންކުރުކޮށް ވާހަކަ ދެއްކެވިޔަސް، އަދި ޝަހީމް އަމިއްލަ ޒަމީރު ގަބޫލު ކުރަން ދަތި ވާހަކައެއް ދެއްކެވިޔަސް، އެކަމަށް ރުޅިވެރިކަމާއެކު ޖަވާބެއް ނުދެއްވޭނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ ވެރިން އަދި ވަޒީރުން ވެސް ގަބޫލު ކުރައްވަންޖެހޭ ހަގީގަތެއް އެބަ އޮތެވެ. ހަގީގީ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާއެއް ނޫނެވެ. ރައްޔިތުންގެ ފަރާތުން ވެރިކަން ކޮށްދިނުމަށް އޭނާއާ ހަވާލުކުރީ ރައްޔިތުންނެވެ. ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުން ހަވާލުކޮށްފައިވާ ވަޒީފާއެއްގައި ހުރި ރައްޔިތުންގެ ހާދިމެކެވެ.
ރައްޔިތުންގެ ފަރާތުން ދައުލަތުގެ ކަންކަން ހިންގާނެ ގޮތްތަކާއި ގާނޫނުތައް ހެދުމާއި، ވެރިން ޖަވާބުދާރީ ކުރުވުމުގެ ޒިންމާ މަތިކޮށްފައި އޮންނަނީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިހާބުކުރާ ރައްޔިތުންގެ މަންދޫބުންނަށެވެ. ރައްޔިތުންގެ މަޖިލީހަށެވެ.
އެހެންވެ، ދައުލަތުގެ ތިން ބާރުގެ ތެރޭގައި ރައްޔިތުންގެ ބާރު ޖަމާވެ، އެކަން ތަމްސީލުކޮށްދޭ މައި ގެއަކީ ގާނޫނު ހަދާ މަޖިލީހެވެ. އެތަނަށް ހާޒިރުކުރާނަމަ، އެ ހާޒިރު ކުރެވެނީ ހަގީގީ ވެރިންގެ ކުރިމައްޗަށެވެ. އެއީ ރައްޔިތުންނެވެ. އިއްޔެ ޝަހީމް އެކަން ހަނދުމަ ނެތުމަކީ މަޖިލީހުގެ ކަރާމާތަށް އަރައިގަތުމެވެ.
ހަމަ އެފަދައިން މަޖިލީހުގެ މެންބަރުން ވެސް ކަންކަން އިސްލާހުކުރަންޖެހެ އެވެ. ސިޔާސީ ވާދަވެރިކަން ކިތަންމެ ބޮޑުވިޔަސް، މަޖިލީހަށް ހާޒިރު ކުރެވޭ ވަޒީރުން، ދެއްވާ ޖަވާބު އަޑުއެއްސެވުމުގެ ގާބިލުކަން ވެސް މެންބަރުންގެ ކިބައިގައި ހުންނަން ޖެހެ އެވެ.
އިއްޔެ ޝަހީމް ދެއްވި ޖަވާބާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން އެ މެންބަރުންގެ މޭޒުކޮޅު ދޫކުރައްވައި ޝަހީމްއާ ދިމާއަށް ވަޑައިގެންނެވި މަންޒަރު ފެނުނެވެ. އެއީ ވެސް ރައްޔިތުންގެ މަޖިލީހުން ފެނިގެންވާނެ މަންޒަރެއް ނޫނެވެ. މިނިސްޓަރު ދެއްވާ ޖަވާބާމެދު ހިތްހަމަ ނުޖެހިއްޖެ ނަމަ މަޖިލީހުގެ ނިޒާމުގެ ތެރެއިން ކުރެވޭނެ ކިތަންމެ ކަމެއް އެބަ ހުއްޓެވެ.
މިނިސްޓަރު ޝަހީމް އިއްޔެ އެ އަރައިގަތީ މަޖިލީހުގެ ކަރާމާތަށް! މިނިސްޓަރު ޝަހީމް އިއްޔެ އެ އަރައިގަތީ މަޖިލީހުގެ ކަރާމާތަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ