ސިޓީ ކައުންސިލްތަކުގެ ގޮނޑިތައް ބެހޭ ގޮތް އިއުލާންކޮށް ޝަކުވާއަށް ހުޅުވާލައިފި

އަންނަ 4 އޭޕްރީލްގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިޓީ ކައުންސިލްތަކުގެ ގޮނޑިތައް އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅާފައިވާ ވަގުތީ ރިޕޯޓް އާންމުކޮށް، ޝަކުވާ ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފި އެވެ.
ވީކިހިނެއް؟ - ގާނޫނުގައި ސިޓީ ކައުންސިލްތައް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނައުމުން، ސިޓީ ކައުންސިލްތަކުގެ ދާއިރާތައް އަލުން ކަނޑައަޅަން ޖެހިފައިވެ އެވެ. ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓެއް އީސީން މިއަދު އާންމުކުރި އެވެ.
ތަފްސީލް - ވަގުތީ ރިޕޯޓް އާންމުކޮށް އީސީން ނެރުނު އިއުލާނުގައިވަނީ، އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ ގޮތުން:
ޝަކުވާ ހުށަހެޅެނީ އެ މުއްދަތުގެ ތެރޭގައި، ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 9:00 އިން ހަވީރު 3:00 އަށް އަދި ހުކުރު ދުވަސްތަކުގައި ހަވީރު 3:00 އިން ހަވީރު 5:00 އަށް
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީސީގެ އިދާރާއަށް ލިޔުމުން ނުވަތަ ކޮމިޝަނުގެ މެއިލް މެދުވެރިކޮށް
އީސީގެ ވަގުތީ ރިޕޯޓްގައިވާ ގޮތުން ސިޓީތަކުގެ ދާއިރާތައް ކަނޑައަޅާފައިވާ ގޮތަކީ:
ހދ. ކުޅުދުއްފުށި - އުތުރު ދާއިރާ، ހުޅަނގު އުތުރު ދާއިރާ، މެދު އުތުރު ދާއިރާ، މެދު ދެކުނު ދާއިރާ، ހުޅަނގު ދެކުނު ދާއިރާ، އިރު ދެކުނު ދާއިރާ (މޭޔަރާއެކު ހަތް ކައުންސިލަރުން)
ގދ. ތިނަދޫ - ހުޅަނގު އުތުރު ދާއިރާ، އުތުރު ދާއިރާ، އިރު އުތުރު ދާއިރާ، ހުޅަނގު ދެކުނު ދާއިރާ، ދެކުނު ދާއިރާ، އިރު ދެކުނު ދާއިރާ (މޭޔަރާއެކު ހަތް ކައުންސިލަރުން)
ޏ. ފުވައްމުލައް - ދަނޑިމަގު، ދިގުވާޑު، ހޯދަނޑު، މާދަނޑު، މިސްކިތްމަގު، ފުނާޑު، މާލެގަން، ދޫޑިގަން (މޭޔަރާއެކު ނުވަ ކައުންސިލަރުން)
އައްޑޫ - ހިތަދޫ މޫލެކެޑެ، ހިތަދޫ ކޮރަވައު، ހިތަދޫ ބޭރުމަތި، ހިތަދޫ މެދުވައު، ހިތަދޫ ރަސްގެދަރަ، ހިތަދޫ މާމެންދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ މަގުއްދޫ، ފޭދޫ މާދެލަ (މޭޔަރާއެކު 11 ކައުންސިލަރުން)
މާލެ - ހުޅުމާލެ އުތުރު، ހުޅުމާލެ މެދު، ހުޅުމާލެ ދެކުނު، ހެންވޭރު ހުޅަނގު، މެދު ހެންވޭރު، ހެންވޭރު ދެކުނު، ހެންވޭރު އުތުރު، ގަލޮޅު އުތުރު، ގަލޮޅު ދެކުނު، މައްޗަންގޮޅި އުތުރު، މައްޗަންގޮޅި މެދު، މައްޗަންގޮޅި ދެކުނު، މާފަންނު އުތުރު، މާފަންނު މެދު، މާފަންނު ދެކުނު، މާފަންނު ހުޅަނގު، ވިލިމާލެ (މޭޔަރާއެކު 18 ކައުންސިލަރުން)
ސިޓީތަކުގެ ދާއިރާތަކުގެ ވަގުތީ ރިޕޯޓް އިއުލާންކުރި ނަމަވެސް މީގެ ތެރެއިން އަންހެން ކައުންސިލަރުން އިންތިހާބުކުރާ ދާއިރާތައް ކަނޑައަޅާނީ ދާއިމީ ރިޕޯޓަށްފަހުގަ އެވެ.
ފާހަގަކޮށްލެވޭ - މީގެ އިތުރުން އީސީގެ ވަގުތީ ރިޕޯޓްގައި އެކި ރަށްރަށުން އިންތިހާބުކުރާ ކައުންސިލަރުންގެ އަދަދު ހިމަނާފައިވެ އެވެ. އެ ގޮތުން:
 ތިން ކައުންސިލަރުން އިންތިހާބުކުރަނީ 399 ރަށަކަށް؛ މިއީ އާބާދީގައި 2،000 ހަމަނުވާ ރަށްރަށް
ފަސް ކައުންސިލަރުން އިންތިހާބުކުރަނީ230 ރަށަކަށް؛ މިއީ އާބާދީގައި 2،000 ހަމަވާ ރަށްރަށް (މީގެ ތެރޭގައި އައްޑޫ ސިޓީން ވަކިވި ހުޅުދޫ އާއި މީދޫ ހިމެނޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ