ކުޑަކުދިން ދިވެހި ބަހަށް ޝައުގުވެރި ކުރުވަން، ނޫސްވެރިޔާ މޫސަ ނެރުއްވީ 'ދޮންކޮ' ވާހަކަ ސިލްސިލާ

ކުޑަކުދިން ދިވެހި ބަހަށް ޝައުގުވެރި ކުރުމަށްޓަކައި، ދައުރު ނޫހުގެ އެޑިޓަރު އަދި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ މޫސާ ލަތީފް، "ދޮންކޮ"ގެ ނަމުގައި ވާހަކަ ސިލްސިލާއެއް މިއަދު ނެރެއްވައިފިއެވެ. ފަސް ވާހަކައެއް ހިމެނޭ ދޮންކޮ ސިލްސިލާ ނެރެދެއްވީ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ. މި ރަސްމިއްޔާތުގައި މޫސަ ވިދާޅުވީ، އެ ފޮތްތައް ލިޔުއްވަން ފެއްޓެވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2014 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބު ނިންމުމަށް ފަހު، ތިން މަހުގެ ޗުއްޓީއެއްގައި ހުންނަވައިގެން ކަމަށެވެ. ދޮންކޮ ވާހަކަ ސިލްސިލާ ޑރ. ޒާހިރު ނެރެދެއްވަނީ ---- ސަން ފޮޓޯ އޭގެފަހުން މިހާރު އެގާރަ އަހަރު ވެފައިވާއިރު، ވާހައިގެ ކުރެހުންތައް ކުރަހައިދިނީ މިހާރު ދައުރު ނޫހުގައި މަސައްކަތް ކުރާ މަޝްހޫރު ފަންނުވެރިޔާ މުނާލް ޝުޖާއު ކަމަށް އޭނާ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ، އެ ފޮތްތައް ނެރުމުގެ މަގުސަދަކީ، މިހާރު ނެތެމުންދާ ދިވެހި ބަހަށް ކުޑަކުދިން ޝައުގުވެރި ކުރުމަށް ކަމަށެވެ. "ދޮންކޮ" އަކީ ވަރަށް ލޯބިން ފިރިހެން ކުދިންނަށް ކިޔާ ނަމަކަށްވާއިރު، މިއީ، ދެ ކުއްޖެއް މެދުގައި ހިނގާ ޚިޔާލީ ކަންތައްތަކަށް ބިނާކޮށް ލިޔެފައިވާ ވާހަކަތަކެކެވެ. މިއީ، ގްރޭޑް ދެއަކާ ތިނެއްގެ ދަރިވަރުންނަށް އަމާޒުކޮށް ނެރެފައިވާ ފޮތްތަކެކެވެ. އެ ފޮތްތަކުގައި ހިމެނޭ އެއް ވާހަކައިގެ ތަފުސީލް މޫސަ ކިޔައިދެއްވިއެވެ. ކާޅެއް އެއީ ވަރަށް އުނދަގޫ ކުރާ ދޫންޏެއް. އެއަށް ނަންދީފައި އިންނާނީ ރާއްޖޭގައި ނަކަތްތަކުގެ ތެރޭގައި އެންމެ ނުބައި އެއް ނަކަތް އެއީ ކެތި. ކެތި އެއީ ކާޅު. މިހެން ގޮސް ރާއްޖޭން ފެންނަ އެކި ދިރުންތަކަށް ދިވެހި ނަންތައް ދީގެން ވާހަކައަށް ވައްދާފައި [ހުންނާނެ] މި ފޮތްތައް ގަނެވޭނީ، 7335353 އަށް އޯޑާ ދީގެންނެވެ. މޫސަ މިއަދު ނެރެދެއްވި، ދޮންކޮ ސިލްސިލާގެ ވާހަކަތައް --- ސަން ފޮޓޯ އޭގެއިތުރުން، ކުޑަކުދިންގެ ވާހަކަ ސިލްސިލާއެއް ނެރުމަކީ އަބަދުވެސް ދެކެމުން އައި ހުވަފަނެއް ކަން ފާހަގަކުރައްވައި، މޫސަ ވަނީ، އިތުރު ވާހަކަތައް ލިޔަމުންދާނެ ކަމަށް ވިދާޅުވެފައެވެ. ނަވާރަ ސަތޭކަ އަށްޑިހަ ނުވައެއްގެ ކުރީކޮޅުގައި ނޫސްވެރިކަން ކުރައްވަން ފެށި، މޫސަ މިހާ ހިސާބަށް ވަޑައިގަތީ ވަރަށް ވެސް ބުރަ އަދި ޝައުގުވެރި މަގަކުންނެވެ. އެ މަސައްކަތް މެދުނުކެނޑި ކުރާތާ 35 އަހަރު ވެފައިވާއިރު، މޫސަ ވަނީ، ހަވީރު ނޫހާއި މިހާރު ނޫހުގެ އެޑިޓަރުކަން ވެސް ކުރައްވާފައެވެ. 'ހަވީރު'ގެ ކުޅިވަރު ރިޕޯޓަރުގެ ވަޒީފާއިން ފެށިގެން ސީނިއާ ރިޕޯޓަރުކަމާއި، ސަބް އެޑިޓަރުކަމާއި އެސިސްޓެންޓް އެޑިޓަރުކަމުގެ އިތުރުން ސީނިއާ އެސިސްޓެންޓް އެޑިޓަރުކަމާއި އެކްޓިން އެޑިޓަރުކަން ކުރެއްވިއެވެ. އަދި، މޭ 2010 އިން ފެށިގެން އެޕްރީލް 1، 2016ގައި 'ހަވީރު' ވަގުތީ ގޮތުން ހުއްޓާލަންދެން އެޑިޓަރަކަށް ހުންނެވީ ވެސް މޫސައެވެ. ތަޖުރިބާކާރު ނޫސްވެރިޔާ މޫސާ ލަތީފް ފޮތް ނެރުމުގެ ހަފުލާގައި ވާހަކަދައްކަވަނީ --- ސަން ފޮޓޯ މޫސަ އަމިއްލައަށް އެ ލިޔުއްވުންތައް ލިޔުއްވުމުގެ އިތުރުން އެހެން އެތައް ނޫސްވެރިންނެއް އެ ގޮތަށް ލިޔަން ތަމުރީން ކޮށްދެއްވެވިއެވެ. އޭގެ ތެރޭގައި ޚަބަރު، ފީޗާ ނިއުސް، ބްރޭކިން ނިއުސް، ރިޕޯޓް، ފީޗާ ރިޕޯޓް، ތަހުގީގީ ރިޕޯޓް، ޕްރޮފައިލް، އަދި ކޮލަމް ހިމެނެއެވެ. މި ހުރިހާ ސްޓައިލްތަކެއް ރާއްޖޭގެ ނޫސްވެރިކަމަށް އެންމެ ފުރަތަމަ ތަޢާރަފުކުރި ނޫސްވެރިންގެ ތެރޭގައި މޫސަ ހިމެނެއެވެ. https://www.sun.mv/196327 ތަޖުރިބާކާރު އެހެން ނޫސްވެރިންނާއި އެހެން ނޫސްތަކުގެ އެޑިޓަރުންނާ މޫސަގެ އެންމެ ބޮޑު ތަފާތަކީ ހީވާގިކަމާއި ތެދުވެރިކަމާ އެކު މަސައްކަތުގައި ދެމި ހުރުމާއި ގަލަން ދޫކޮށްނުލެއްވުމެވެ ނޫސްވެރިކަމުގެ ރޮނގުން ގައުމީ އިނާމު، އުމުރުން 30 އަހަރުގައި 2001ގައި މޫސާ ލަތީފަށް ވަނީ ލިބިވަޑައިގެންފައެވެ. އޭގެފަހުން، މިދިޔަ އަހަރު މޫސައަށް ވަނީ، ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ