ހެލްތު ސެޓްފިކެޓު ނެތި ކާބޯތަކެތި އެތެރެކުރަން ހުއްދަދިން އެމްއެފްޑީއޭގެ ދެ މުވައްޒަފަކަށް ދައުވާ ކޮށްފި ހެލްތު ސެޓްފިކެޓު ނެތި ކާބޯތަކެތި އެތެރެކުރަން ހުއްދަދިން އެމްއެފްޑީއޭގެ ދެ މުވައްޒަފަކަށް ދައުވާ ކޮށްފި

ހެލްތު ސެޓެފިކެޓު ނެތި ކާބޯތަކެތި އެތެރެކުރަން ހުއްދަ ދިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ދެ މުވައްޒަފެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ގެ އޮފީސް (ޕީޖީ އޮފީހުން) މިއަދު އާންމުކުރި މައުލޫމާތުގައި ބުނީ މި މައްސަލާގައި ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އެމްއެފްޑީއޭގެ ދެ ފީލްޑު އޮފިސަރުން ކަމަށްވާ ދަފްތަރު ރސ 9244، އަހުމަދު ހާޝިމް، އަދި ގދ. ތިނަދޫ، ޢަރަފާތު، އަހުމަދު ޒާހިިރުގެ މައްޗަށެވެ.
މި ދެ މީހުންގެ މައްޗަށް ކުރަނީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާ އެވެ. މި ތިން ދައުވާ ސާބިތުވެއްޖެނަމަ ކޮންމެ މީހަކަށް 14 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޕީޖީއިން ކޮށްފައިވާ ދައުވާގައި މި ދެ މީހުންގެ މައްޗަށް ތުހުމަތުކުރަނީ ރާއްޖެއަށް ކާބޯތަކެތި އެތެރެކުރަން ބޭނުންވާ ހެލްތު ސެޓްފިކެޓާއި ނުލައި ކަނޑުމަގުންނާއި ވައިގެ މަގުން ކާބޯތަކެތީގެ ޝިޕްމަންޓުތަކެއް އެތެރެކުރަން ކްލިއަރެންސް ހުއްދަ ދިން ކަމަށެވެ.
އެއީ ކިހާ އަދަދެއްގެ އަދި ކޮން ބާވަތެއްގެ ކާބޯތަކެއްޗެއް ކަމެއް ޕީޖީ އޮފީހުން ނުބުނެ އެވެ. މި ކަން ހިނގާފައިވަނީ މި އަހަރުގެ މާޗު މަހުގެ ތެރޭގައި ކަމަށް ޕީޖީ އިން ބުނެފައިވެ އެވެ.
ދައުވާ ކުރުމުގެ ކުރިން މި ދެ މީހުން ޕީޖީ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ހުށަހެޅި އެވެ. ނަމަވެސް ޕީޖީ އޮފީހުން ވަނީ އެ ހުށަހެޅުން ބަލައިނުގަންނަން ނިންމާފަ އެވެ.
އެގޮތަށް ނިންމި ސަބަބެއް ކަމުގައި ޕީޖީ އޮފީހުން ބުނީ އެ ދެ މީހުން ކުރި ކުށަކީ ރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅުންހުރި ކުށަކަށްވެފައި އެކަން ރައްކާތެރި ކުރުމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް މި ދެ މީހުން އަމަލުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ