ޓީމް އެމް.ޓީ.ސީ.ސީ. އިން ކުރަމުން ގެންދަނީ އިތުބާރުހުރި ރައްޔިތުން ބަލައިގަންނަ މަސައްކަތްތަކެއް: ރައީސް

ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގާ ކުރިއަށް ގެންދިޔުމުގައި، އެމް.ޓީ.ސީ.ސީ.ގެ ލީޑަރޝިޕާއި، ޓީމް އެމް.ޓީ.ސީ.ސީ. އިން ކުރަމުން ގެންދަނީ އިތުބާރުހުރި ފުރިހަމަ، ރައްޔިތުން ބަލައިގަންނަ މަސައްކަތެއް ކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިމިވަނީ ގދ. ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރޭ ވާކަދައްކަވަމުންނެވެ.
ގދ. ފަރެސްމާތޮޑާ އެއާޕޯޓް މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2020ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހުއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ބިން ހިއްކުމުގެ މަސައްކަތް ފެށި ފަރެސްމާތޮޑާ އެއާޕޯޓުގެ ބިން ހިއްކާ ނިންމާލާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އެވެ. އެ މަސައްކަތް ކޮށްފައިވަނީ ވެސް އެމްޓީސީސީންނެވެ. އަދި އެއްފަހު އެ އެއާޕޯޓް ޑިޒައިންކޮށް ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކުރީ 144.8 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތުގެ ދަށުން 1.2 ކިލޯ މީޓަރުގެ ދިގު ރަންވޭއަކާއި ޓާމިނަލް ބިލްޑިން އަދި އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމްކޮށް އެމްޓީސީސީން އެމަސައްކަތް ނިންމާ ސަރުކާރާއި އެއާޕޯޓްވަނީ ރޭ ހަވާލުކޮށްފައެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވަނީ އެއާޕޯޓްގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގައި އެމްޓީސީން ކޮށްފައިވާ ބުރަ ބޮޑު މަސައްކަތަށް ޝުކޔރު އަދާކޮށްފައެވެ. ” އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ. އާދަމް ޢާޒިމަށާއި، ޓީމް އެމް.ޓީ.ސީ.ސީ. އަށް އަދިވެސް އެއްފަހަރު އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.” ރައީސްގެ ޝިކުރު ތަކުރާރު ކުރައްވަމުން ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގާ ކުރިއަށް ގެންދިޔުމުގައި، އެމް.ޓީ.ސީ.ސީ.ގެ ލީޑަރޝިޕާއި، ޓީމް އެމް.ޓީ.ސީ.ސީ. އިން ކުރަމުން ގެންދަނީ އިތުބާރުހުރި، ރައްޔިތުން ބަލައިގަންނަ ފުރިހަމަ މަސައްކަތެއް ކަމުގައެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސްވަނީ ފަރެސްމާތޮޑާ ރައްޔިތުންނަށްވެސް ޝުކުރުއަދާކުރައްވާފައެވެ. ރައީސް ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީކުރުމުގައި ފަރެސްމާތޮޑާ ރައްޔިތުންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބުނުކަމަށާއި، އެއަރޕޯޓް ސަރަޙައްދު ސާފުކުރުމުގައި ރަށު އަންހެނުން އަދާކުރީ ވަރަށްބުރަ، ފާހަގަކޮށްލެވޭ މަސައްކަތެއްކަމަށެވެ. ” އެއަރޕޯޓް ސަރަހައްދުގައި ގަސް އިންދައި ފެހި ކުރުމުގައިވެސް، މި ރަށުގެ އަންހެނުންނާއި ޒުވާނުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރި. އެކަމަށްޓަކައި ރަށުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.” ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ