އަޅުގަނޑު އެއްކޮށް ކާމިޔާބުވި ކަމަށް ވާނީ ރައީސް ކަމަށް އާދެވުމުން، ކުރިމަތިލާނީ 2023ގައި: އުމަރު

ސަރުކާރުގެ ކެބިނެޓުގައި އެންމެ "ގަޓު ހުރި" ވަޒީރު އުމަރު ނަސީރު، އޭނާ ހުންނެވި ދާޚިލީ ވަޒީރުގެ މަގާމުން އިސްތިއުފާ ހުށަހެޅުއްވި ޚަބަރު ރޭ އޭނާ ކުރެއްވި އިއުލާނާ އެކު ގިނަ ބަޔަކު ހައިރާން ކޮށްލައިފި އެވެ. ރައީސް ޔާމީންގެ ސަރުކާރު އިންތިޚާބު ވުމަށް ފަހު އައްޔަން ކުރި އެންމެ ފުރަތަމަ ވަޒީރުންގެ ތެރޭގައި އުމަރު ނަސީރު ހިމެނިވަޑައިގަންނަވަ އެވެ. އުމަރު ރޭ އިސްތިއުފާ ދެއްވި އިރު، އޭނާ ވަނީ ރާއްޖޭގެ އަމަން އަމާންކަން ހިފެހެއްޓެވުމަށް މަސައްކަތްތަކެއް ފައްޓަވައިފަ އެވެ. އެގޮތުން، ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތައް ކޮންޓްރޯލު ކުރެއްވުމަށް މޮނީޓާ އެންޑް ކޮންޓްރޯލް ނުވަތަ "މޮނިކޮން" ނިޒާމު ތައާރަފު ވުމާ އެކު އެ މަސައްކަތް ކުރެއްވުމާއި، ގޭންގުތަކާ ގުޅިގެން އުޅޭ ކުޑަކުދިން އިސްލާހު ކުރުމުގެ ކޭމްޕުތަކެއް ފެށުން ވެސް ހިމެނެ އެވެ. މީގެ އިތުރުން، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން އަލުން ނިންމުމަށް އުމަރަކީ އެންމެ ހަރުކަށިކޮށް އެ ވާހަކަ ދެއްކެވި އެއް ވަޒީރެވެ. އުމަރު ނަސީރު މީގެ ދެ ތިން ދުވަސް ކުރިން "ސަން" އަށް ޚާއްސަ އިންޓަވިއުއެއް ދެއްވި އިރު ވެސް، އިސްތިއުފާ ދެއްވަން އުޅޭ ފަދަ ނިޝާނެއް ސީދާ ގޮތެއްގައި ނުދެއްވި ނަމަވެސް، އުމަރު ދެއްކެވި ބައެއް ވާހަކަތަކާއި ބަސްމަގުތަކުން އެކަން ފާހަގަވި އެވެ. އެ އިންޓަވިއުގައި އުމަރު ވަނީ ވަރަށް ސާބިތުކަން މަތީގައި، ސަރުކާރުގެ އެހެން ބައެއް ބޭފުޅުންނަށް ވެސް ގޮން ޖައްސަވައި ވާހަކަ ދައްކަވައިފަ އެވެ. އުމަރު "ސަން" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވި ގޮތުގައި، އޭނާ ބޭނުންވަނީ އިންސާފާއި ހަމަހަމަކަމާ އެއްގޮތަށް ގައުމު ބައްޓަން ކުރެއްވުމެވެ. އަދި އެ މަސައްކަތް ކުރުމުގައި އޭނާ ކާމިޔާބު ކުރައްވާފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ. "އަޅުގަނޑު ކެރީ ކުރާ ޓޯޗަކީ އިންސާފާއި ހަމަހަމަކަމާއި އިސްލާމްދީނާ އެއްގޮތަށް ގައުމެއް ބައްޓަން ކުރުމަށް ކުރާ ދަތުރެއް. ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ހިފައިގެން ނުކުތް މެސެޖަކީ ވެސް އެއީ. މި ޓޯޗު އަޅުގަނޑު ކެރީ ކުރާނީ އަޅުގަނޑުގެ ޕޮލިޓިކަލް ލައިފްގައި. ދެންވެސް ކެރީ ކުރާނީ އޭތި،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ އޭނާ ގަބޫލުކުރައްވަނީ ފިކުރެއް ކަމަށެވެ. ޕާޓީއެއްގެ ކުލައާއި ނަމާއި ވިިސްނުމަށް ބަދަލެއް އައި ނަމަވެސް، އޭނާ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ވަކިން ޚާއްސަކޮށް ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި ހުރި ނަމަވެސް، ނުވަތަ ނެތް ނަމަވެސް ހުންނަވާނީ އޭނާގެ ގޮތުގައި ކަމަށް އުމަރު ވިދާޅުވި އެވެ. "އެހެން މީހުން ބަދަލުވެދާނެ ކޮޅު ކޮޅަށް. ޕާޓީގެ ނަންތައް ވެސް ބަދަލުވެދާނެ. އެކަމަކު އަޅުގަނޑުގެ ހަމަ އޮންނާނެ އެ ހަމައިގެ ގޮތުގައި. ގަވަމެންޓުގައި ހުއްޓަސް އަޅުގަނޑު ހަމައިގައި ހިފަހައްޓާނީ. ގަވަމެންޓު އެހެން ކޮޅަކަށް ދިޔަޔަސް އަޅުގަނޑު އަޅުގަނޑުގެ ހަމައިގައި ހުންނާނީ. އައި ޑޯންޓް ޗޭންޖް،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ އޭނާގެ މި ފިކުރު ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް ކޮންމެވެސް ވަރަކަށް ކާމިޔާބު ކުރައްވާފައިވާ ކަމަށާއި، ނަމަވެސް މަސައްކަތް އެއްކޮށް ފުރިހަމަ ވާނީ ރާއްޖޭގެ ރައީސްކަމަށް އާދެވުމުން ކަމަށެވެ. "މި މެސެޖު ޕާސް ކުރެވުމުގައި އައި ހޭވް ސަކްސީޑެޑް ޓު އަ ސާޓަން އެކްސްޓެންޓް [އަހަރެންނަށް އަދި ޔާމިޔާބު ކުރެވުނީ ވަކިވަރަކަށް]. މުޅިން ކާމިޔާބު ކަމަށް ވާނީ މިގައުމުގެ ވެރިކަމަށް އަޅުގަނޑު އައީމާ. އަދި ކާމިޔާބުވި ކަމަށް ވާނީ އަޅުގަނޑު ދުނިޔޭގައި ނެތް ދުވަހަކު އެހެން މީހަކު މި ކޮންސެޕްޓު ހިފައިގެން އައިސްފިއްޔާ،" އެ އިންޓަވިއުގައި ވެސް އުމަރު ވިދާޅުވީ ރައީސް ޔާމީން ރިޔާސީ އިންތިޚާބުގެ ދެވަނަ ދައުރަކަށް ވާދަ ކުރެއްވުމަށް އޭނާ ފުރުސަތު ދެއްވާނެ ކަމަށާއި އޭނާ އެ އިންތިޚާބަށް ކުރިމަތިލައް ވާނީ 2023 ވަނަ އަހަރުގައި ކަމަށެވެ. "މި ޓޯޗު ހިފައިގެން އަޅުގަނޑު ނުކުންނާނަން 2023ގައި. އެ އަހަރު ވެސް ރައްޔިތުން ގަބޫލު ނުކޮށްފިއްޔާ ޖެހިގެން އަންނަ ފަހަރު ވެސް ނުކުންނާނަން،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ