''ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް މަންފާވާނެހެން މުސާރައިގެ އޮނިގަނޑަށް އިތުރު ބަދަލުތައް ގެންނާނަން''

ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލުގެ މަންފާ އެ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް އެންމެ ފުރިހަމައަށް ހޯދައިދިނުމަށް އެ ދާއިރާގެ މުސާރައިގެ އޮނިގަނޑު ފުރިހަމަކުރެއްވުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ރޭ، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު ދެކިވަޑައިގަންނަވާގޮތުގައި ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަށް އަދިވެސް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެންނަންޖެހެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަތް މިހާރަށް ވުރެ އިތުރުކޮށް ފުޅާކުރުން ކަމަށް ވިދާޅުވިއެވެ. އަދި ޞިއްޙީ ދާއިރާއަށް ވަންނަ މީހުން އެ ވަޒީފާތަކުގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އިތުރު ކަންކަން ދެނެގަނެ، އެކަންކަމަށް މަސައްކަތް ކުރުން ކަމަށް ވެސް ވިދާޅުވިއެވެ.
އެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ދާދިފަހުން ސަރުކާރުން ހެލްތު ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ބަދަލުގެ ސަބަބުން، ޞިއްޙީ ޚިދުމަތުގެ ދާއިރާތަކުން ތަޢުލީމު ޙާޞިލުކޮށްގެން ތިބި މަސައްކަތްތެރިންނަށް ވަޒީފާގެ ކުރިއެރުން ހޯދުމަށް މަގު ފަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާއަކީ ކުރިއަށް ދިއުމަށް އެކަށީގެންވާ ފަންނެއްކަމުގެ ޔަޤީންކަން ލިބި، ޞިއްޙީ ޚިދުމަތްތެރިން އެ ވަޒީފާތަކުގައި ތިބުމަށް މަގުފަހިވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މުސާރައިގެ އޮނިގަނޑަށް ސަރުކާރުން ގެނެސްދެއްވި ބަދަލުގެ މަންފާ، ޞިއްޙީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް އެންމެ ފުރިހަމައަށް ހޯދައިދިނުމަކީ، ސަރުކާރުގެ އަމާޒެއް ކަމަށެވެ.
''އެހެންކަމުން އެ އަމާޒަށް ވާޞިލުވުމަށްޓަކައި އަދިވެސް މި ގެނެވުނު ބަދަލުތަކަށް އެ އޮނިގަނޑަށް، ފުރިހަމަކުރަންޖެހޭ ބައެއް ކަންތައް ހުރިކަން އަޅުގަނޑަށް ފާހަގަކުރެވޭ. އެހެންކަމުން އަޅުގަނޑުމެން މިދަނީ އެކަމާ މަޝްވަރާކޮށް އެއަށް ރަނގަޅު ޙައްލެއް ހޯދުމަށް، އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އެކަންވެސް ތިޔަބޭފުޅުންނަށް ފެނިގެންދާނެ.'' ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ރޭ ވިދާޅުވިގޮތުގައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޞިއްޙީ ޚިދުމަތް މިހާރު އަންނަނީ މީގެ ކުރިން ފުޅާނުވާހާ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. މީގެ ކުރިން މާލެއިން ނޫނީ ނުލިބޭ ޞިއްޙީ އެތައް ޚިދުމަތެއް، މިދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބޭނޭގޮތް ހަދައިދެވިއްޖެކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު ކުރިއަށްދާ ޚިދުމަތްތަކާ އެކު، ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމީ ޔަޤީންކަމެއް ކަމަށާއި، އެ މަޝްރޫޢުތަކަކީ ދިވެހި ޒުވާނުންގެ ކުރިމަތީގައި ހުޅުވިގެންދާ ވަރަށް ތަނަވަސް ދޮރެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެެވެ.
''ރަށުގައި އަމިއްލަ ޢާއިލާ ކައިރީގައި ހުރެގެން، ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއަކަށް ބަލަބަލައި ތިބި ޒުވާނުންނަށް، އަޅުގަނޑުމެން މި ފަހިކޮށްދެނީ ރަނގަޅު ފުރުޞަތުތަކެއް. މަތީ ތަޢުލީމަށް ތައްޔާރުވެގެން ތިބި ޒުވާނުންނަށް އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އުފެދޭ ވަޒީފާތަކަށް ޒުވާނުން މިހާރުން ފެށިގެން ވިސްނާ އެއަށް އަމާޒު ހިފާށޭ. އެފަދަ ދާއިރާތަކުން ތަޢުލީމު ޙާޞިލުކޮށް، އަމިއްލަ ރަށާއި ޤައުމަށް ޚިދުމަތް ކުރުމަށް ތައްޔާރުވާށޭ.'' ރައީސް ވިދާޅުވެފަވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ