ހުކުރު ދުވަހު ހިޔާ ކުޑަކުދިންގެ ހަވީރު ބާއްވަނީ

ހިޔާ ފްލެޓުގައި ދިރިއުޅޭ ކުޑަކުދިންނަށް ޚާއްސަކޮށްގެން، ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން "ހިޔާ ކުޑަކުދިންގެ ހަވީރު" ހުކުރުދުވަހު ބާއްވަން ނިންމައިފިއެވެ. ހިޔާ ޕާކުގައި އޮންނަ މި އިވެންޓު ފެށޭނީ ހުކުރު ދުވަހު ހަވީރު 4:00ގައެވެ. ނިމޭނީ ރޭގަނޑު 8:00ގައެވެ. މިއީ ހިޔާގައި މީހުން ދިރިއުޅެން ފެށި ފަހުން ކޮންމެ އަހަރަކު ވެސް ކުޑަކުދިންގެ ދުވަހު މޯލްޑިވްސް ނޭޝަނަލް ހައުސިން އެސޯސިއޭޝަންގެ ފަރާތުން ބާއްވާ ކުޑަކުދިންގެ ހަވީރެކެވެ. އެ ޖަމިއްޔާގެ ރައީސް އަހްމަދު އުބައިދު "ސަން"އަށް ވިދާޅުވީ ހިޔާގައި އެ ކުދިން ކުޅޭނެ މާހައުލެއް ނެތް ކަމަށާއި އެހެންވެ ބޭނުންވަނީ އެ ތަނުގައި އުޅޭ ކުދިންނަށް އުފާވެރި ވަގުތުކޮޅެއް ހޯދައިދޭން ކަމަށެވެ. މި އިވެންޓުގެ މައިގަނޑު މަގުސަދަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ. "އަންގައިދޭން ބޭނުންވަނީ ހިޔާއަކީ ވެސް އުފާވެރި މާހައުލަަކަށް ހެދިދާނެކަން އެންމެން ގުޅިގެން މަސައްކަތްކޮށްފިނަަމަ. މި އިވެންޓުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ހަދިޔާ ލިބޭނެ،" އުބައިދު ވިދާޅުވިއެވެ. އިތުރަށް އުބައިދު ވިދާޅުވީ މި ހަވީރުގައި ސްޓޭޖް އިވެންޓުތަކާއި ކުޅިވަރު ހަރަކާތްތައް ވެސް އޮންނާނެ ކަމަށެވެ. އެ ގޮތުން 10އަކަށް ވުރެ ގިނަ ކުޅިވަރު ސްޓޯލް އެ ތަނުގައި ހުންނާނެކަމަށް ވިދާޅުވިއެވެ. މި ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ރޮބޯމޭން އާއި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ވެސް ބައިވެރިވެ ޕާފޯމްކުރާނެއެވެ. މި އިވެންޓުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް ނެޓެވެ. އަދި މި އިވެންޓު އެސްއެސްޓީވީއިން ލައިވްކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ