ޖުމްހޫރީ ޕާޓީން ޖަމްއިއްޔަތުސް ސަލަފާ ބައްދަލުކޮށްފި

ޖުމްހޫރީ ޕާޓީން އަންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޖަމްއިއްޔަތުއް ސަލަފާ މިއަދު ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޤާސިމް އިބްރާހީމް އަދި އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުން އޮތީ ޖަމްއިއްޔަތުއް ސަލަފުގެ އޮފީހުގައެވެ.
ޖުމްހޫރީ ޕާޓީންވަނީ އެ ޕާޓީ އިސްވެ އޮވެ އެކުލަވައިލާ ކޯލިޝަނަކާއެކު ރިޔާސީ އިންތިޚާބަށް ނިކުންނަން ނިންމާފައެވެ. އަދި އެފަދަ ކޯލިޝަނެއް އެކުލަވައިލުމުގެ ހުރިހާ ބާރަކާއި އިޚުތިޔާރެއް ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް އެ ޕާޓީގެ ކައުންސިލުން ދީފައިވެއެވެ.
މިއަދު ޖަމްއިއްޔަތުއް ސަލަފާ ޖުމްހޫރީ ޕާޓީން ބައްދަލުކުރިއިރު މީގެ ކުރިން އިދިކޮޅު ޕްރޮގްރެސިވް/ ކޮންގުރެސް ކޯލިޝަނުންވެސް އެ ޖަމްޢިއްޔާއާ ބައްދަލުކޮށް ރިޔާސީ އިންތިޚާބާމެދު މަޝްވަރާކޮށްފައިވެއެވެ.
އަދި އޭގެ ކުރިން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާނުކޮށްފައިވާ މޯލްޑިވްސް ނޭޝަނަލް ޕާޓީންވެސްވަނީ ޖަމްއިއްޔަތުއް ސަލަފާއެކު ބައްދަލުވުމެއް ބާއްވާފައެވެ.
ސިޔާސީ ޕާޓީތަކުގެ ލީޑަރުން ޖަމްއިއްޔަތުއް ސަލަފުގެ އިލްމުވެރިންނާ ބައްދަލުކުރައްވައި ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާކުރައްވަން ފެއްޓެވުމާއެކު ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ އިސްވެރިންވަނީ ޖަމްއިއްޔަތުއް ސަލަފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ