ރައީސާއި މައުމޫން މިއަދު ބައްދަލުކުރަނީ

ކޯލިޝަން އާކުރުމާ ގުޅޭ ގޮތުން އެމްއާރްއެމްގެ ލީޑަރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިކަން ރައީސަށް ތާއީދުކުރައްވާ މަޖިލިސް މެމްބަރުތަކެއް ކަށަވަރުކޮށް ދެއްވި ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ. އަދި އެމްއާރްއެމުން ވެސް މިކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ އެމްޑީޕީއާ އެކީ ކޯލިޝަން އާކުރަން ރައީސް ދާދި ފަހުން ސިޓީއަކުން އެމްއާރްއެމަށް ވެސް ދައުވަތު ދެއްވާފައިވާކަމެވެ.
މިކަމާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލް ތެރޭގައި އަންނަނީ މަޝްވަރާތަކެއް ވެސް ކުރެވެމުންނެވެ. އަދި އަޑު އަރާފައިވާ ގޮތުން ކައުންސިލްގެ ގިނަ މެމްބަރުން ތާއީދުކުރައްވަނީ އެމްޑީޕީއާ އެކީ ކޯލިޝަން ނެހެދުމަށެވެ.
ސަރުކާރުގެ މިހާރު ކޯލިޝަން ބައިވެރިންގެ ތެރެއިން މިހާތަނަށް ކޯލިޝަން އާކުރަން ނިންމީ އަދާލަތު ޕާޓީން އެކަންޏެވެ. އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަނީ ކޯލިޝަން ނަހަދައި، ވަކިން އިންތިހާބުގައި ވާދަކުރަން ނިންމައިފަ އެވެ.
މި ފަހަރު މުޅިން އަލަށް އެމްޑީޕީއާ އެކީ ކޯލިޝަން ހެދީ އަހުމަދު ސިޔާމް ސަން ސިޔާމުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ