ފުނައްޑޫ ހިންގަން މިފްކޯއަށް

ތ. ފުނައްޑޫ މަސް ފެކްޓްރީ އަލުން ފެށުމަށް އެރަށް މިފްކޯއަށް ކުއްޔަށްދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ތަސްމީން އަލީ ހިއްސާވާ ކުންފުންޏަކުން ހިންގި ފުނައްޑޫ މަސްފެކްޓްރީ ވިއްކާލުމަށް ބޭންކް އޮފް މޯލްޑިވްސް އިން މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއްވީ ފަހުން ސަރުކާރުން ވަނީ މިދިޔަ އަހަރުގެ މާޗް މަހު އެ ފެކްޓްރީ ގަނެފަ އެވެ.
އެ ރަށުގައި މަސްފެކްޓްރީއެއް ހަދައިގެން ހިންގާތާ އަހަރުތަކެއް ފަހުން ބޭންކް އޮފް މޯލްޑިވްސްއަށް އެ ރަށް ނަގައި ވިއްކައިލަން އިއުލާނު ކުރީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ލޯނެއް ނުދެއްކުމުންނެވެ. އެރަށާއި އެހެން ބައެއް ތަންތަން ރަހުނުކޮށްގެން ނަގާފައިވާ ލޯނާއި އެލޯނަށް އިތުރުވި އިންޓަރެސްޓާއި އެކު ބޭންކަށް ދައްކަން އޭރު 200 މިލިޔަން ރުފިޔާއަށް ވުރެ ގިނަ ފައިސާ އޮތެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ ފުނައްޑޫގެ މަރާމާތަށް ބޭނުންވާ ފައިސާ ލޯނުގެ ގޮތުގައި ހޯދައިގެން އެ މަސައްކަތް ކުރުމަށް މިފްކޯއަށް އަންގާފަ އެވެ. އަދި އެ މަސައްކަތް ނިމި، އެ ފެކްޓްރީ އޮޕަރޭޝަނަށް ގެނެވޭނީ މިއަހަރުގެ މޭ މަހު ކަމަށް ވެސް މީގެ ކުރިން ފިޝަރީޒް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ފުނައްޑޫގައި މަސް ބަންދުކުރާ ކާރުހާނާއެއް އަޅަން، ތަސްމީން ހިއްސާވާ ކުންފުންޏަކަށް އެ ރަށް ދޫކުރީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ.
ފުނައްޑޫ ވިއްކާލަން ދެފަހަރުމަތިން އިއުލާނުކުރުމުން ވެސް އެރަށް ގަންނާނެ ބަޔަކު ނުވެގެން، އެންމެފަހުން އެ ރަށް ގަނެފައިވަނީ ސަރުކާރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ