މުއްރަތު މެރުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި

ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މ. މަސްރޫރާ އަހްމަދު މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށް އޭނާ މެރުމަށް ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިއަދު މިގޮތަށް ހުކުމްކުރީ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެެވެ.
މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ކަށަވަރުކުރުމަށް ސުޕްރީމް ކޯޓުގައި އިލްތިމާސްކުރީ ދައުލަތުގެ ފަރާތުންނެވެ. ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މަރުގެ މައްސަލަތަކަކީ ޝަރުއީ ތިން މަރުހަލާ ނުނިމެނީސް އަދަބު ތަންފީޒު ނުކުރެވޭނެ މައްސަލަ ތަކަކަށްވުމުންނެވެ.
ނަޖީބު މަރާލުމުގެ ކުށް ސާބިތުވުމާއި ގުޅިގެން މުއްރަތާ އޭނާގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބު، ފާތިމަތު ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށް މުއްރަތު މެރުމަށް ހައިކޯޓުން ތާއީދުކުރީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ. އަދި ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކުރީ މިއަހަރުގެ މެއި މަހުގެ ނުވަަވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ