މި ހަފްތާގައި ސިޔާސީ މަސްރަހަށް ބޮޑެތި ލޮޅުންތަކެއް އަރާނެ: އުމަރު

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް ގުޑުންތަކެއް އަރާ އަލުން ސިޔާސީ މައިދާން ޝޭޕްވެގެންދާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވެފައިވަނީ ހަފްތާގެ ނަމުގައި އޮންލައިން ނޫހެއް އިފްތިތާހްކުރުމަށް މިރޭ ސަލްސަލާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ ދުނިޔެ އުފެދިފައިވަނީ ހިލަތަކެއްގެ މަތީގައިކަމަށާ އެ ހިލަތަކަށް އަންނަ ލޮޅުންތަކުގެ ސަބަބުން ދުނިޔެއަށް ބިންހެލުންތައް އަންނަކަމަށެވެ.
އެފަދަ ގޮތަކަށް ރާއްޖޭގެ ސިޔާސީ މަސްރަހަށްވެސް މިހަފްތާގެ ތެރޭގައި ގުޑުންތަކެއް އަރާނެކަމަށާ ސިޔާސީ ފަރާތްތަކުގެ ހަރަކާތްތައް ފެނި އަލުން ސިޔާސީ މައިދާނަށް އަސްލު ސިފަ އަންނާނެކަމަށެވެ.
"މިހަފުތާއަކީ ރާއްޖޭގެ ޓެކްޓޯނިކްސް ޕްލޭޓްސްތައް ވެސް މޫވްކުރާ ހަފުތާއެއް. އަދި ދިވެހިރާއްޖޭގެ ސިޔާސީ މައިދާން އަލުވް ޝޭޕްކުރާނެ މިފަހަރު." އުމަރު ވިދާޅުވިއެވެ.
އުމަރުގެ އެ ވާހަކަފުޅު އިޝާރާތްކުރެއްވީ ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ހިޔާލް ތަފާތުވުންތަކަށްކަމަށް ބެލެވެއެވެ.
ޕީޕީއެެމްގެ ތެރޭގައި ރައީސް ޔާމީނާއި ރައީސް މައުމޫނާއި ދެމެދު ބޮޑެތި ހިޔާލް ތަފާތުވުންތަކެެއް އުފެދި ޕާޓީ ދެބައިވެފައިވާއިރު، އުމަރު ގެންދަވަނީ ރައީސް މައުމޫނާއި އެކުގައި މަސައްކަތް ކުރައްވަމުންނެވެ.
ހޯމް މިނިސްޓަރުކަމުގައި ހުންނެވުމަށްފަހު ކުއްލިގޮތަކަށް އުމަރު މަގާމުން އިސްތިއުފާދީފައިވާއިރު، މަގާމުން އިސްތިއުފާދިން ސަބަބެއް އުމަރު އަދިވެސް ހާމަކުރައްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ