އައްޑޫގެ ގުޅިފައިވާ ރަށްތަކުން ހޮނިހިރު ދުވަހަކު ތިން ގަޑިއިރަށް ކަރަންޓު ކަނޑާލަނީ

އަންނަ ހޮނިހިރު ދުވަހު ތިން ގަޑިއިރަށް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑާލަން ނިންމާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ސޮއިކުރައްވައި މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 1:00 އަށް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑާލަން ނިންމާފައިވާ ކަމަށެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަކީ ހިތަދޫ އާއި މަރަދޫ އާއި ފޭދޫ އާއި މަރަދޫފޭދޫގެ އިތުރުން ގަމެވެ. ގުޅިފައިވާ ރަށްތަކުން އެވަގުތު ކަރަންޓު ކަނޑާލަނީ އެރަށްތަކަށް ކަރަންޓު ފޯރުކޮށްދެމުންދާ ސެންޓްރަލް ޕަވާސްޓޭޝަންގައި އަލަށް ބެހެއްޓި ދެ މެގަވޯޓުގެ ދެ ޖަނެރޭޓަރުން ކަރަންޓުދިނުމަށް ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ޕެނަލަށް ގުޅަންޖެހޭ ކޭބަލް ގުޅާލުމަށްޓަކައި ކަމަށް ފެނަކައިގެ ބަޔާނުގައިވެއެވެ. "މިކަމާ ގުޅިގެން ދިމާވެދާނެ އެންމެހައި ދަތިތަކަށް ކަސްޓަމަރުންގެ އަރިހުން ނިހާޔަތަށް މައާފަށްއެދެމެވެ. އަދި މިފަދަ ކަންކަމުގައި އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި ރައްޔިތުންގެ ކެއްތެރިކަމަށްޓަކައި މިކުންފުނިން އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ،" ފެނަކައިގެ ބަޔާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ