ވިޔަފާރިތަކުގެ ކަރަންޓުގެ އަގު ހެޔޮ ކުރާނަން: އިބޫ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގެއްލުން ނުވާ މިންވަރަށް ކަރަންޓުގެ އަގު ހެޔޮކޮށް ދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.
އިބޫ މިހެން ވިދާޅުވީ، ލ. ފޮނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އިބޫ ވިދާޅުވީ، ކަރަންޓުގެ އަގަށް ސަރުކާރުން ގެނެސްފައިވާ ބަދަލުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކަރަންޓުގެ ފީ ބޮޑުވެފައިވާ ކަމަށެވެ. އެކަން އިދިކޮޅު ޕާޓީތަކެއްގެ ސަރުކާރުގައި ހައްލުކޮށް ދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި ކަރަންޓުގެ އަގަށް ބަދަލު ގެނެސް، އެ އަގަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބުރައަކަށް ނުވާނެ ވަރު ކޮށް ދޭނަން،" އިބޫ ވިދާޅުވި އެވެ.
އިބޫ އިތުރަށް ވިދާޅުވީ، ލޯކަލް ޓޫއަރިޒަމް ކުރިއަރުވަން ވެސް ގިނަ ކަންތައްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އެންމެ މުހިންމު ކަމަކީ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް އަގު ހެޔޮކުރުން ކަމަށެވެ. އިބޫ ވިދާޅުވީ، އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވެފައި އޮތް އޮތުމަށް ވެސް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ވަކި ސިޔާސީ ޕާޓީއަކަށް ތާއިދު ކުރާތީ ވަޒީފާއިން ވަކިކުރާ ސިޔާސަތު އޭނާގެ ސަރުކާރެއްގައި އުވާލާނެ ކަމަށެވެ. ކޮންމެ މީހަކަށް ވެސް މިނިވަންކަމާއެކު އެމީހެއްގެ ސިޔާސީ ފިކުރަށް ތާއިދުކުރުމުގެ މިނިވަންކަން ލިބިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ