ވައްކަމާއެކީގައި ކުރެވޭ ތަރައްގީ އަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ތަރައްގީ އެއްނޫން ކަމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
ގއ އަދި ގދ ގެ ރަށްތަކަށް ކުުރައްވަމުންދާ ދަތުރުފުޅުގައި ގއ.ކޮނޑޭ ގައި ވާހަކަ ދައްކަވަމުން އިބޫ މިއަދު ވިދާޅުވީ، ދިވެހި ރައްޔިތުން ވައްކަމާއި އެކީގައި ކުރެވޭ ތަރައްގީ ބަލައި ނުގަންނާނެ ކަމަށެވެ.
"ކިތަންމެބޮޑު އިމާރާތެއް ވެސް އެޅިދާނެ. ކިތަންމެ ދިގު ފާލަމެއްވެސް އެޅިދާނެ. އެހެންނަމަވެސް އެކަމުގެ ފަހަތުގައި ފޮރުވެފައިވާ ވައްކަމެއް އޮވެއްޖެއްޔާ ދިވެހި ރައްޔިތުން އެކަމެއް ބަލައިނުގަންނާނެ." އިބޫ ވިދާޅުވިއެވެ.
ކޮނޑޭގައި ވާހަކަ ދައްކަވަމުން އިބޫ ފާހަގަ ކުރެއްވި ގޮތުގައި މިއަދުގެ ސަރުކާރަށް ދިމާވެގެން އުޅޭ މައްސަލަޔަކީ ތަރައްގީގެ ކޮންމެ ޕުލޭޭނެއް ހިންގާއިރު އޭގެފަހަތުގައި އިންތިހާއަށްވައްކަމާ ކޮރަޕްޝަން އެކުލެވުމެވެ. އެގޮތުން އިމާރާތެއް ކުރުމަށް ބޭނުންވާ ފައިސާ ދެގުނަ ތިންގުނަޔަށް ހަރަދު ކުރާކަމަށް އިބޫ ވިދާޅުވިއެވެ.
ކޮނޑޭގައި ވާހަކަ ދައްކަަވަމުން އިބޫ ވިދާޅުވީ "އެބަޔަކު ބޭނުންވާ މިސްރާބަަކަށް ދިޔުމުގެ ފުރުސަތު ހުޅުވާލެވުނީމާ ތަރައްގީ ރައްޔިތުން ހޯދާނެ. މިސާލަކަށް ކުޅިވަރަށް ބައްލަވާ މިނިވަން ފަންސަވީސް މުބާރާތުގައި މި އަތޮޅުގެ ޗެމްޕިއަނުންނަކީ މި ރަށް" އިބޫ ވިދާޅުވިއެވެ
ގުޅިފައިވާ ޕާޓީތަކުގެ މައިގަނޑު އަމާޒަކީ ރަށްރަށް ތަރައްގީ ކުރުންކަން ފާހަގަ ކުރައްވާ އިބޫ ވިދާޅުވިގޮތުގައި ކައުންސިލްްތަށް ބާރުވެރިކުރުވާ، ކައުންސިލްތަކަށް ލިބެންޖެހޭ ވަސީލަތްތަށް ހޯދައިދީ މާލީ ފުދުންތެރިންކަން އިއްތިހާދުގެ ވެރިކަމެއްގައި ލިބިގެންދާނެ ކަމަށެވެ.
އިބޫ އިތުރަށް ވިދާޅުވިގޮތުގައި ރަށް ތަރައްގީ ކުރުމަށްކުރަންޖެހޭ ޕްލޭންތަކާއި ރަށްތައް ތަރައްގީ ކުރުމަށްޓަކާ ކުރަންޖެހޭ އުމުރާނީ މަސައްކަތާއި މިހެން ހުރި ހުރިހާ ބާރެއް ކައުންސިލްތަކަށް އޭނާގެ ވެރިކަމެއްގައި ދޫކޮށްލާނެއެވެ.
"ގުޅިފައިވާ ޕާޓީތަކުގެ ސިޔާސަތުގެ ތެރޭގައިި ތަރައްގީ ތެރޭގައި އެންމެ ފުރަތަމަ އަޅުގަނޑުމެން ވައުދު މިވަނީ އަސާސީ ހިދުމަތް ހުރިހާ ރަށްތަކަކަށް ފޯރުކޮށްދިނުން. އެގޮތުން މިރަށުގެ ރަތްޔިތުންނަށް ވެސް ބޯފެނާއި ނަރުދަމާގެ ނިޒާމް އަޅުގަނޑުމެންގެ ވެރިކަމުގައި އިރާދަ ކުރެއްވިއްޔާ ފޯރުކޮށްދެވިގެން ދާނެ" އިބޫ ވިދާޅުވިއެވެ.
ޓޫރިޒަމްގެ ސިނާއަތަކީ ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ފެތުރުމުގެ ސިޔާސަތީ އިއްތިހާދުގެ ވިސްނުންފުޅެއްކަން ފާހަގަ ކުރައްވާ އިބޫ ވިދާޅުވީ ކޮނޑޭއަކީ ލޯކަލް ޓޫރިޒަމް ހިންގުމަށްއެންމެ ރަނގަޅު ރަށް ކަމަށެވެ.
އިއްތިހާދުގެ ސަރުކާރެއްގައި ކޮނޑޭގައި ލޯކަލް ޓޫރިޒަމް ފެށުމަށް ބިން ދޫކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެކަމުގެ ސަބަބުންރަށުގައި ތިބެ އާމްދަނީ ހޯދައި ކުރިޔަށް ދިޔުމުގެ ފުރުސަތުތަށް ހުޅުވިގެންދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
ރިޔާސީއިންތިހާބުގެ ކެންޕެއިންނަށް އިބޫ ކުރައްވަމުންދާ ދަތުރުފުޅުގައި ގއ އަދި ގދ ގެހުރިހާ ރަށަކަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. މިދަތުރު ނިންމާލުމަށް ހަމަޖެހިފައިވަނީ ހޯމަދުވަހުއެވެ.
ވައްކަމާއެކީގައި ކުރެވޭ ތަރައްގީ ރައްޔިތުން ބަލައެއް ނުގަންނާނެ - އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ