ޓުވީޓެއްގެ މައްސަލަ ބަލަން މެމްބަރު ނިޒާރުގެ ފޯނު ވެސް ހިފަހައްޓައިފި

ފުލުހުންނަށް ހަމަލާ ދޭން ގޮވާލާ ކުރި ޓުވީޓަކާ ގުޅޭ މައްސަލައެއް ބެލުމަށް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެމްބަރު އަލީ ނިޒާރުގެ ފޯނު ފުލުހުން ރޭ ހިފަހައްޓައިފި އެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ނިޒާރުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓީ ރޭ 9:30 ގައި ފުލުހުންގެ މައި މަރުކަޒަށް އޭނާ ހާޒިރުކުރުމަށް ފަހު އެވެ.
ކްރިމިނަލް ކޯޓުގެ ވަގުތީ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ނެރުއްވި ކޯޓު އަމުރުގައިވާ ގޮތުން ނިޒާރުގެ ފޯނު ހިފެހެއްޓީ ގާނޫނު ތަންފީޒު ކުރާ ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި ދަތިކޮށް، ފުލުހުންނަށް ހަމަލާ ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ޓުވީޓެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ހެއްކާއި ގަރީނާ ހޯދުމަށެވެ.
ނިޒާރުގެ ފޯނު ކޯލުތަކާއި މެސެޖުތަކުގެ ތަފްސީލު ހޯދަން އޭނާގެ ފޯނު ތިން މަސްދުވަސް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމުގެ ހުއްދަ ކޯޓުން ވަނީ ދީފަ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ފުލުހުންނާއި ނިޒާރުގެ ބަހެއް ވެސް އަދި ނުލިބެ އެވެ.
Akh @DhekunuNizar @PoliceMv ah haaziruvanee #HappeningNow @MDPSecretariat pic.twitter.com/ZzRW9uL1mh— Free LucasJalyl (@RukumaA) August 2, 2016
މެމްބަރު ނިޒާރު ރޭ ފުލުހަށް ހާޒިރު ކުރިއިރު އޭނާއާ އެކު އެމްޑީޕީގެ އިސް ބޭފުޅުން ފުލުސް އޮފީހުގެ ބޭރުގައި.ކުރެއްވި ޓުވީޓަކާ ގުޅިގެން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސޭނާއި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުލް ލަތީފު ވެސް ވަނީ ފުލުހަށް ހާޒިރުކޮށް، ސުވާލުކޮށްފަ އެވެ. އޭގެ ތެރެއިން އަލީ ހުސެންގެ ފޯނު އަތުލުމަށް ފަހު މިހާރު ވަނީ އަނބުރާ ދީފަ އެވެ.
މީގެ އިތުރުން، ފުލުހުންނާއި ސިފައިންނާ މެދު ނަފުރަތު އުފައްދައި ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އިދިކޮޅު އިއްތިހާދުން ގާއިމްކޮށްފައިވާ ހައިރާތު ފަންޑާ ގުޅޭ މައުލޫމާތެއް ސާފުކުރަން ކަމަށް ބުނެ އެ އިއްތިހާދުގެ ހިޔަނި ކެބިނެޓުގެ ތިން ވަޒީރަކު ވެސް ފުލުހަށް ހާޒިރުކޮށްފައިވެ އެވެ.
ކުރި ޓުވީޓުތަކަކާ ގުޅިގެން އިދިކޮޅު ގިނަ ފަރާތްތަކެއްގެ މައްސަލަތައް ބަލަމުން އަންނައިރު، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމުގެ ބިލުގައި ސޯޝަލް މީޑިއާ ވެސް ވަނީ ހިމަނާފަ އެވެ. އެ ބިލުގައި އަބުރާ ބެހެވޭ ފަދަ އެއްޗެއް ޝާއިއުކުރުމުގެ މާނަކޮށްފައިވާ ގޮތަށް ބަލާއިރު، އޭގެ ތެރޭގައި އޮންލައިން ނޫސްތަކުގެ އިތުރަށް ވެބްސައިޓުތަކާއި ބްލޮގުތަކާއި ސޯޝަލް މީޑިއާ ވެސް ހިމެނެ އެވެ. އެހެންވެ، މީހަކު އެ މީހެއްގެ އަމިއްލަ ފޭސްބުކް ނުވަތަ ޓުވިޓާގައި ޖަހާ އެއްޗަކުން ކުށްވެރިވެ، ޖިނާއީ ދައުވާއަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ