ފުލުހުންގެ ސިވިލް ސްޓާފެއްގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި ސަބްރާ އިބްރާހީމް ނޫރައްދީން ހައްޔަރުކުރީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި އިއްޔެ ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ފުލުހުން ނިންމައިފި އެވެ.
ސަބްރާ 2013 ވަނަ އަހަރު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި މައްސަލަ ހައިކޯޓަށް ވެއްދީ ދައުލަތުންނެވެ. އެއީ، އެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމާ ހިތްހަމަނުޖެހިގެންނެވެ. ސިވިލް ކޯޓުން ހުކުމްކުރީ ސަބްރާ ހައްޔަރުކުރި މައްސަލާގައި އޭނާގެ ކިބައިން މައާފަށް އެދުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ.
އިއްޔެ ހައިކޯޓުން ސަބްރާގެ މައްސަލާގައި އިއްވި ހުކުމުގައި ބުނެފައިވަނީ، ސަބްރާ ހައްޔަރުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށާއި އެކަމުގައި ވަކި ފުލުހުން ޒިންމާވާން ޖެހޭނެ ކަމަށެވެ.
އެ ހުކުމުގައި އިތުރަށް ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ސަބްރާ ހައްޔަރުކުރުމަށްފަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ދޫކޮށްލުމުން އޭނާ ހައްޔަރުކުރީ އެއްވެސް ސަބަބެއް އޮވެގެން ނޫންކަން އެނގޭ ކަމަށެވެ. އަދި، ކޯޓު އަމުރެއް އޮތް ނަމަވެސް ހައްޔަރުކުރަން ޖެހޭނީ ސަބަބެއް އޮވެގެން ކަމަށް ހުކުމުގައިވެ އެވެ.
އަދި އެ މައްސަލާގައި މުޅި ފުލުހުންގެ އިދާރާ ޒިންމާވާން ނުޖެހޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އޭގެ ބަދަލުގައި އެކަމުގައި ޒިންމާވާ ވަކި ފުލުހުންނާ ދެކޮޅަށް ކަމާ ބެހޭ މުއައްސަސާތަކަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ސަބްރާއަށް ލިބިގެންވާ ކަމަށް ވެސް ހުކުމުގައިވެ އެވެ. މުޅި ފުލުހުންގެ އިދާރާ ޒިންމާ ނަގަންނުޖެހޭ ސަބަބެއް ކަމަށް ހުކުމުގައި ފާހަގަކޮށްފައިވަނީ މި މައްސަލާގައި ފުލުހުންގެ ދައުރު އަދާކުރުމުގައި ފުލުހުންނަށް ބާރާއި އިހްތިޔާރު ލިބިފައިވާ ދާއިރާގެ ބޭރުން އަމަލުކޮށްފައިވާ ކަމަށް ގަބޫލުކުރެވޭތީ އެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އިއްޔެ ހައިކޯޓުން އިއްވި ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ފުލުހުން ނިންމާފައިވާ ކަމަށާއި އެކަމަށް މިހާރު މަސައްކަތްކުރަމުންދާ ކަމަށެވެ.
ސަބްރާގެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ