ސުޕުރީމް ކޯޓުން ގަވައިދުގެ ދެމާއްދާއެއް ބާތިލްކުރުމުން ދެން ހަދަންވީ ގޮތެއް މަޖިލީހަކަށް ނޭންގުނު

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ދެމާއްދާއަކަށް މަޖިލީހުން ގެނައި އިސްލާހު ގާނޫނު އަސާސީއާއި ހިލާފުކަމަށް ސުޕުރިމް ކޯޓުން ހުކުމް ކުރުމުން އެމައްސަލައިގައި ދެން އަމަލުކުރާނެ ގޮތެއް ރައްޔިތުންގެ މަޖިލީހަށް ނޭންގުނު ކަމަށް މަޖިލީހުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލިހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ އެމައްސަލައިގައި ދެން އަމަލުކުރާނެ އުސޫލެއްގެ ލަފައަކަށް އެދި މީހަރު މަޖިލީހުގެ އާންމު ކޮމެޓީއަށް ފޮނުވާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޔާނުގައި ބުނީ އެމައްސަލަ އާންމު ކޮމެޓީއަށް ފޮނުވީ ސުޕުރީމް ކޯޓުގެ ނިންމެވުމާ ގުޅިގެން މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ އިޞްޙުތައް ބާޠިލްވެގެން ގޮސްފައިވާތީ އެ އިޞްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމުގެ ކުރިން، އެ އިޞްލާޙު ރައްދުވާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮތް އަދި ރައްޔިތުންގެ މަޖިލީހުން ކުރިން ޢަމަލުކުރައްވަމުން އައިސްފައިވާ މާއްދާތަކަށް ވެގެންދާނެ ގޮތެއް ސާފުނުވާތީ ކަމަށާއި އެ ޙުކުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އެއްވެސް އިޞްލާޙެއް ގެންނަންޖެހޭނަމަ، އެކަމެއް ދިރާސާކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކަމާ ގުޅޭ ރިޕޯޓް ތައްޔާރުކުރައްވައި، އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުވުމަށްޓަކައ ކަމަށެވެ.
މަޖިލީހުގެ ބަޔާނުގައި އިތުރަށް ބުނީ އެމައްސަލަ އާންމު ކޮމެޓީއަށް ފޮނުވީ ސުޕުރީމް ކޯޓުގެ ހުކުމް ދިރާސާކުރުމަށް ނޫންކަމަށެވެ.
އަދި އެކަމުގައި ރައްޔިތުން މަޖިލީހުގެ ރައީސް އަމަލުކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި އުސޫލުތަކުގެ ތެރެއިން، އަދި އެހެން މައްސަލަތަކުގައިވެސް ޢަމަލުކުރައްވަމުން އަންނަ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށެވެ.
"ވީމާ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުބާރުނެތްކަމުގެ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުން ވޯޓުލުމުގައި ޢަމަލުކުރާނެ އުޞޫލެއްގެ ލަފައަކަށް އެދި، އެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީއަށް ފޮނުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ނިންމެވި ނިންމެވުމާ ގުޅިގެން އެކިއެކި ޚަބަރު ފަތުރާ ވަޞީލަތްތަކުން ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅޭ ގޮތަށް އެ ޚަބަރު ގެނެސްދެއްވަމުން ގެންދަވާތީ އެކަމާ ހިތާމަކުރާ ވާހަކަ ދަންނަވަމެވެ." މަޖިލީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ