ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިގޮތް ބެލުމަށް އުފައްދާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓް ދިރާސާ ކުރި ޔައުމިއްޔާތައް އާންމުކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތައް ކަމަށާއި އެމަސައްކަތް ހުއްޓާލުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށް ބުނެ އަދިވެސް އެމަސައްކަތްކުރިއަށް ގެންދާނެ ކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރިރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ ކޯނީގެ ރިޕޯޓް ދިރާސާ ކުރި ޔައުމިއްޔާތައް އާއްމުކުރަން ޖެހުނީ އިތުރު "އެ ނޫން އެއްވެސް ގޮތެއް ނެތިގެން" ކަމަށާއި އެ ކޮމެޓީގެ މަސައްކަތްތަކަކީ ސައްހަ މަސައްކަތްތަކެއް ކަމަށެވެ. އަދި އެމަސައްކަތްތައް ދަނީ ރަނގަޅަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ބަޔާންތައް އާންމުކުރަންޖެހުނު މައިގަނޑު ސަބަބަކީ އޭގެ ތެރެއިން ބައެއް ބޭފުޅުން ކޯނީއަށް ދެއްވާފައިވާ ބަޔާންތައް މިއަދާ ހަމައަށް ވެސް ރައްޔިތުންނަށް ފެނިފައިނުވާތީ ކަމަށާއި ބައެއް ބޭފުޅުން ކޯނީއަށް ދެއްވި ބަޔާންތަކުގައި އެ ބޭފުޅުން ނުދައްކާ ވާހަކަ ހިމަނާ އަދި ދައްކާފައިހުރި ބައެއް ވާހަކަތައް އުނިކޮށްފައިވާކަން ވެސް ކޮމެޓީގެ ދިރާސާއިން އިނގިގެންގޮސްފައިވާ ކަމަށެވެ.
"ކޯނީ އަކީ އަމިއްލަ މީހެއްގެ އަމިއްލަ އެއްޗެއް. އަޅުގަނޑުމެންނަށް އެނގިގެން ދިޔަ އެ ބޭފުޅުން ކޯނީއަށް ދިން ބަޔާންތައް ބަދަލުކޮށްފައި ހުރިކަން. އެބޭފުޅުން ނުދައްކާ ހުރި ވާހަކަ ހިމަނާފައި ހުރިކަން. އެ ބޭފުޅުން ދެއްކި އެންމެ މުހިންމު ވާހަކަތައް އުނި ކޮށްފައިވާކަން،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯނީގެ ދިރާސާއަށް ކޮމެޓީން ކުރި މަސައްކަތައް ހުރަސް އަޅަން މަސައްކަތް ކުރައްވަމުންދާތީ އެކަން ހައްލު ކުރުމަށް އެމްޑީޕީން މަޖިލީހަށް ސިޓީއެއް ފޮނުއްވި ކަމަށާއި ކޮމިޓީގެ މަސައްކަތްތައް އަވަސް ކޮށްދިނުމަށް އެ ސިޓީގައި ބުނެފައި ވާނެ ކަމަށެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމެޓީން ކޯނީގެ ދިރާސާ ކުރިއަށް ގެންދިވިއިރު، އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިވަޑައިގެންނެވި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ކޯނީ ރިޕޯޓް މަސައްކަތް ނުހުއްޓުވޭނެ، އަދިވެސް މަސައްކަތްދާނެ - އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ