އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ދައުވާއަށް ތޮލްހަތު އިންކާރުކުރައްވައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބުރާހީމު ކަލޭފާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ އިންކާރުކުރައްވައިފި އެވެ.
މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައިދައުލަތުންވަނީ 30 ހެއްކެއް ތޮލްހަތާއި ދެކޮޅަށް ހުށަހަޅާފައެވެ. ތޮލްހަތުވަނީ ޖަވާބުދާރީ ވުމަށް އެއްމަސްދުވަހުގެ މުހުލަތަކަށް އެދިވަޑައިގެންފައެވެ.
ނަމަވެސް ހުޅުމާލޭ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ނިންމީ އަންނަ މަހު 13 ވަނަ ދުވަހު ދެވަނަ އަޑުއެހުން ބޭއްވުމަށެވެ.
ތޮލްހަތުގެ މައްޗަށް ކުރާ ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލް އަބްދުﷲ ރާބިއު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ ނިންމުމުން ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުރެ ތޮލްހަތު އެކަމާ މަޝްވަރާކޮށް އެކަން ރާވައި ޖެނުއަރީ 16، 2012 ވަނަ ދުވަހުން ފެށިގެން 7 ފެބްރުއަރީ 2012 ވަނަ ދުވަހާ ހަމައަށް އަބްދުﷲ މުހައްމަދު ބަންދުކޮށްގެން ކ. ގިރިފުށީގައި ގެންގުޅެފައިވާ ކަމަށެވެ.
ދައުވާ އިއްވުމުން ދައުވާއަށް ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި ތޮލްހަތު ވިދާޅުވީ އެ ދައުވާއަކީ ސައްހަ ދައުވާއެއް ނޫން ކަމަށެވެ.
ތޮލްހަތުގެ ވަކީލް މުހައްމަދު އިބްރާހިމް ވިދާޅުވީ ތޮލްހަތުގެ މައްޗަށް ކުރެވޭ ދައުވާއަކީ އިންސާފުން ކުރެވޭ ދައުވާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ޑިފެންސް މިނިސްޓަރު ކަމުގައި އޭނާ ހުރިއިރު އަމިއްލަ ފައިދާއަށްޓަކައި މީހަކު ހައްޔަރުކޮށްފައިނުވާނެ ކަމަށެވެ.
ނަމަވެސް އޭނާ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވިއިރު ދައުލަތުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ އަމުރުމައުރޫފް ތަންފީޒު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެދައުވާ އުފުލަން ޖެހޭނީ އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފު އާއި އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ފަސީހުގެ މައްޗަށް ކަމަށާއި ސިފައިންނަކީ ފުލުހުން އެހީއަކަށް އެދިއްޖެނަމަ އެކަން ބަލައި ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭ ބައެއް ނޫން ކަމަށާއި އެފަދަ އެހީއަކަށް އެދިއްޖެނަމަ އެކަމަށް ވަގުތުން ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ތޮލްހަތު ގަބޫލު ކުރައްވާ ކަމަށް ވެސް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
ތޮލްހަތު ދައުވާއަށް އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ ގިނަ އަދަދެއްގެ ހެކިން ތޮލްހަތާ ދެކޮޅަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މީގެ އިތުރުން ތޮލްހަތު ކުރައްވާފައިވާ އެސްއެމްއެސްތަކަކާއި އަބްދުﷲ ގާޒީ ހައްޔަރުކުރި މަންޒަރު ފެންނަ ވީޑިއޯއަކާއި އަބްދުﷲ ގާޒީ ބަންދުކުރުމަށް ވަޒީރުންގެ މަޖިލީހުގައި ކުރި މަޝްވަރާ ހިމެނޭ ޓްރާންސްކްރިޕްޓްތަކެއް ވެސް ދައުލަތުން ހުށަހެޅި އެވެ. އަދި ރައީސް އޮފީހުގެ ސިޓީއަކާއި މައްސަލައާ ގުޅޭ އެހެނިހެން ބައެއް ލިޔުންތައް ވެސް ދައުލަތުން ހުށަހެޅި އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުއްﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި މިހާރު ކުރިއަށްދާ ޝަރީއަތުގައި ކުރީގެ ރައީސް ނަޝިދާއި ދެކޮޅަށް ހެކިބަސް ދޭނެކަމުގެ އިޝާރާތެއް ތޮލްހަތު މީގެކުރިން ވަނީ ދެއްވާފައެވެ.
އެ މައްސަލައިގައި ތޮލްހަތުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ވެސް ދައުވާ އުފުލަ އެވެ.
މިހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ދައުލަތުން ކުރަނީ ކުށް ނުކުރާ މީހަކު ގާނޫނާ ހިލާފަށް ގަސްދުގައި ހިފާ ހައްޔަރުކުރުމުގެ ކުށުގެ ދައުވާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ