ރައީސް ޑރ.މުހައްމަދު ވަހީދާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލް ގައްޔޫމް މިރޭ ބައްދަލު ކުރައްވައިފިއެވެ.
ރައީސް ވަހީދާއި ރައީސް މައުމޫންގެ ބައްދަލުވުން ކުރިއަށް ދިޔައީ މުލިއާގޭގައި މިރޭ 21:00 އިން 22:10 އަށެވެ.
މިބައްދަލުވުމާއި ބެހޭ ގޮތުން ސަރުކާރުން ވެސް އަދި ރައީސް މައުމޫނުގެ ފަރާތްޕުޅުން ވެސް އެއްވެސް ރަސްމީ މައުލޫމާތެއް ހާމައެއް ނުކުރައްވަވައެވެ.
ނަމަވެސް މިބައްދަލުވުމުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ޕީޕީއެމްގެ ބޭފުޅަކު ވިދާޅުވީ މިބައްދަލުވުމަކީ ގުޅުން ބަދަހި ކުރުމުގެ ބައްދަލުވުމެއް ކަމަށެވެ. އަދި ބައްދަލުވުމުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.
ރައީސް މައުމޫނާއި ރައީސް ވަހީދު މިރޭ ބައްދަލު ކުރެއްވެވިއިރު ޕީޕީއެމްގެ މަޖިލިސް މެންބަރުންތަކެއް ރައީސް ވަހީދަށް މިދިޔަ ހަފްތާގައި ވަރަށް ބޮޑަށް ފާޑުކިއުމުން ޕީޕީއެމްއާއި ރައީސް ވަހީދާއި ދެމެދު ގުޅުން ގޯސްވެފައިވާކަމަށް ވެސް އެމްވީޔޫތައް މައުލޫމާތު ދެއްވެވި ބޭފުޅާވިދާޅުވިއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީޕީއެމްގެ ދެމެންބަރަކު ރައީސް ވަހީދަށް ފާޑު ކިއުމުން ރައީސް މައުމޫން ރައީސް ވަހީދަށް އެސްއެމްއެސް ތަކެއް ކުރެއްވެވި ކަމަށާއި ނަމަވެސް އެއަށް ރައީސް ވަހީދު އެއްވެސް ޖަވާބެއް ނުދެއްވަވާކަމަށް އެމްވީޔޫތައް މައުލޫމާތު ދެއްވެވި ފަރާތުން ވިދާޅުވިއެވެ.
ނަމަވެސް މިރޭގެ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން ސީދާ މަޝްވަރާ ކުރެއްވެވި ކަމެއް ކަށަވަރެއް ނުވެއެވެ.
ޕީޕީއެމްގެ ޕްރައިމަރީއަށްފަހު ޕްރައިމަރީއަށާއި ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް ފާޑު ވިދާޅުވަމުން ގެންދަވާ އުމަރު ނަސީރު ވަނީ ޕްރައިމަރީއަށް ފަހު ދެފަހަރެއްގެ މަތިން ރައީސް ވަހީދާއި ބައްދަލުކުރައްވާފައެވެ. ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު ވިދާޅުވެފައިވަނީ ފުޅާ ކޯލިޝަނެއް ހެދުމަށް ރައީސް ވަހީދާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ވަހީދާއި ރައީސް މައުމޫން ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ