ޕްރައިމަރީގައި ވާދަކުރުމާއި މެދު މިއަދު ގޮތެއް ނިންމާނަން - މައުމޫން

އަންނަ މާޗު މަހުގެ 30 ވަނަ ދުވަހު ބާއްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޕްރައިމަރީގައި ވާދަ ކުރުމާއި މެދު މިއަދު ގޮތެއް ނިންމަވާނެ ކަމަށް ކުރީގެ ރައީސް އަދި އެޕާޓީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ.
"އަޅުގަނޑު ނިންމި ގޮތް އިރާދަކުރެއްވިއްޔާ މިއަދު އިއުލާންކުރައްވާނަން." ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރުމުގެ މުއްދަތު ހުޅުވާލާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އަދި އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވެ އެވެ.
ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވާ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާނޭ ބޭފުޅުންގެ ނަންތައް އަދި މިހާތަނަށް އެގެން ނެތް ނަމަވެސް އިންތިހާބުގައި ވާދަކުރައްވާނޭކަމުގެ ޝައުގުވެރިކަން އެޕަޓީގެ އިސް ބައެއް ބޭފުޅުން ވަނީ ހާމަކުރައްވާފައެވެ.
އެގޮތުން ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މުލަކު ދާއިރާގެ މެންބަރު އަބްދުއްﷲ ޔާމިންއާއި، ޕީޕީއެމްގެ ކުރީގެ އިންތިގާލީ ނައިބް ރައީސް އުމަރު ނަސީރު މިހާރު ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. އަދި ޕާޓީގެ މިހާރުގެ ނައިބް ރައީސް އަދި އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދާއި ސަރުކާރުގެ އެތައް ވުޒާރާތަކެއް ހިންގެވި އިލްޔާސް އިބްރާހިމް ވެސް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރާނެކަމުގެ އަޑުތަކެއް ފެތުރިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ