ޑރ. އިބްރާހީމް އުމަރު މަނިކުގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ފަންނު ސައްކެޔޮގަސްދޮށުގޭ، ޑރ، އިބްރާހީމް އުމަރު މަނިކު އަވަހާރަވުމާ ގުޅިގެން، އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ޑރ. އިބްރާހީމް އުމަރު މަނިކުގެ ބޭބެ މުހައްމަދު އުމަރު މަނިކަށް ފޯނުން ގުޅުއްވައި ރައީސް ވިދާޅުވީ، ޑރ. އިބްރާހިމް އުމަރު އަވަހާރަވި އަޑު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމަށެވެ. އަދި ޑރ. އިބްރާހީމް އުމަރަކީ ސެންޓްރަލް ހޮސްޕިޓަލަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި، ހަމައެއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށްވެސް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.
ޑރ. އިބްރާހީމް އުމަރު މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި މިއަދު ހެނދުނެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 68 އަހަރެވެ.
އަލްމަރްހޫމް ޑރ. އިބްރާހީމް އުމަރު މަނިކަކީ، ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރެވެ. ސެންޓްރަލް ހޮސްޕިޓަލުގެ ސީނިއާ ހައުސް އޮފިސާ އިން އެނިސްތީޒިއާކަން ދެއްވީ 16 އޮކްޓޫބަރު 1982 ގައެވެ. ހޮސްޕިޓަލުގެ ވަޒީފާއިން 21 އޭޕްރިލް 1988 ގައި ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ސީނިއާ ރަޖިސްޓްރާ އިން އެނިސްތީޒިއޮލޮޖީގެ މަގާމުގައެވެ.
ޑރ. އިބްރާހީމް އުމަރު މަނިކަކީ، ޔުނިވާސަލް އެންޓަޕްރައިޒަސް ލިމިޓެޑުގެ އެއް ޑައިރެކްޓަރުވެސް މެއެވެ. އަދި މާލޭ އެރޭޓޭޑް ވޯޓާ ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް އުފެއްދެވީވެސް އިބްރާހީމް އުމަރު މަނިކެވެ. ކޮކާކޯލާގެ އުފެއްދުންތައް ރާއްޖެއަށް ގެންނެވުމުގައިވެސް ވަނީ މުހިއްމު ދައުރެއް އަދާކުރައްވައިފައެވެ.
އިގުތިސޯދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން 1998 ވަނަ އަހަރު އެ ކުންފުންޏަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ސަރުކާރުން ދެއްވައިފައެވެ. އެ ކުންފުނީގެ މަސައްކަތް ފުރަތަމަ ފެށުނީ 1983 ވަނަ އަހަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ