ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހު ރަނގަޅު ކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފިއެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ޖުމްހޫރި ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރުއެވެ. އެގޮތުން މޫސަގެ ފަރާތުން ހައިކޯޓަށް ހުށައެޅި މި މައްސަލައިގައި ބުނެފައިވަނީ، އަންހެނުންނަށް ގޮނޑި ޚާއްސަކުރަން ޖެހޭ ގޮތަށް ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާޙަކީ ޖިންސީ ގޮތުން ތަފާތު ކުރުމަށް މަގުފަހިވާ އިސްލާޙެއް ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އެ އިސްލާހު ރަނގަޅު ކަމަށް ހައިކޯޓުން މިއަދު ކަނޑައެޅީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އެ ނިންމުމާ ގުޅިގެން މޫސަ ވިދާޅުވީ ހައިކޯޓުގެ ހުކުމް ގާނޫނު އަސާސީގެ ހައްގުތަކުގެ ބާބު ކަފުން ކުރުމަށް ފުރުސަތު ލިބޭތީ އަދި އެ ހުކުމް ގާނޫނު މާނަކުރުމުގެ ހަމަތަކާއި އަދުލު އިންސާފު ގާއިމު ކުރުމުގެ އަސާސީ މަގުސަދުތަކާއި ހިލާފު ކަމަށް ވާތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މޫސާ އަންވަރުގެ ފަރާތުން މި މައްސަލަ ފުރަތަމަ ހުށައަޅާފައިވަނީ ވެސް ސުޕްރީމް ކޯޓަށެވެ. އެހެން ނަމަވެސް މި މައްސަލަ ނުބެލޭނެ ކަމަށް ނިންމައި ސުޕްރީމް ކޯޓުގެ ރެޖިސްޓްރަރ، މޫސާ އަންވަރަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ފުރަތަމަ މަރުހަލާގައި އެ މައްސަލަ ބެލުމުގެ ބާރުލިބިގެންވަނީ ހައިކޯޓަށް ކަމަށެެެވެ.
އަންހެނުންނަށް ގޮނޑި ޚާއްސަ ކުރި މައްސަލަ ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ