ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް، މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވަނީ ވަރަށް މުރާލިކަމާއެކު، ވަރަށް ކުރައްވާ ހިތުން ކުރައްވަމުން އަންނަ މަންޒަރު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ނަޝީދަކީ އެމަނިކުފާނުގެ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި ވަކި މީހަކާ ޖެހިވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި މަޖިލީހުގެ ކަންކަން ހިންގަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ނިންމަވާނީ ރައްޔިތުން ކަމަށާއި މަސްލަހަތު ގެއްލިދާނެ އެއްވެސް ވާހަކައެއް ދައްކަވަން ބޭނުންނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް މުރާލިކަމާއެކީގައި މަޖިލީހުގެ ކަންތައްތައް ރެއާއި ދުވާލު، އެކަމުގެ ތެރޭގައި އެބަ އުޅުއްވާ. އަބަދުވެސް ކުރައްވާ މަސައްކަތްޕުޅެއްގައި ރައީސް ނަޝީދަކީ މަސައްކަތް މުރާލިކަމާއެކު ކުރައްވާ ބޭފުޅެއް. އެތަން އަޅުގަނޑުމެންނަށް ފެންނަނީ.. ރެއާ ދުވާލު އެމަސައްކަތުގައި އެބަ ހޭދަ ކުރައްވާހަމަ. ޕެޝަންއާއެކީއޭ ދަންނަވާލާ ހިތްއޮތީ. ކުރައްވާހިތުން ކުރައްވާކަމެއްކަން އެބައިގޭ،" ގާސިމް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ ރަނގަޅު ބަޖެޓެއްކަން ފާހަގަކުރައްވައި ގާސިމް ވަނީ މަޖިލީހުގެ ބަޖެޓަށް ރައީސް ނަޝީދު ވޯޓް ނުދެއްވާނެ ކަމަށް ވިދާޅުވުމުން ހައިރާންވެ ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ބަޖެޓަށް ވޯޓް ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.
ގާސިމު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހެއްގައި ބަޖެޓާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ބައެއް ފަރާތްތަކުން މަސައްކަތް ކުރަނީ ސަރުކާރު ވައްޓާލައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ބަދުނާމު ކުރައްވަން ކަމަށެވެ. އަދި ބަޖެޓާމެދު މެންބަރުން ދެކޭގޮތް ބަދަލުކޮށް މިހާރު ހުށަހަޅާފައިވާ ބަޖެޓަށް ވޯޓް ދެއްވައި ފާސްކޮށްދެއްވަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ފެނިގެންދަނީ މަޖިލީހުގެ މަސައްކަތްތައް ރައީސް ނަޝީދު ވަރަށް މުރާލިކަމާއެކު ކުރައްވާތަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ