ބިލުގައި ހުރި އިސްލާހުތަކުން އިންތިހާބުގެ ސައްހަކަމާމެދު ސުވާލު އުފެދޭނެ: އިދިކޮޅު

ކައުންސިލް އިންތިހާބު ވީހާވެސްް އަވަހަކަށް ބޭއްވުމަށް ސަރުކާރުގެ ފަރާތުން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުން، އެ އިންތިހާބުގެ ސައްހަ ކަމާމެދު ސުވާލު އުފެދޭނެ ކަމަށް ބުނެ އިދިކޮޅު މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު ހުށަހެޅުއްވި"ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނު 2020" އިސްލާހު ގެނައުމުގެ ބިލު ފަރުމާކޮށްފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވީހާވެސް އަވަހަކަށް އިންތިހާބު ބޭއްވޭނެ ގޮތަށެެވެ. އިދިކޮޅު މެމްބަރުންގެ މައިގަނޑު ކަންބޮޑުވުމަކީ އެ ބިލުގައި އިންތިހާބާ ގުޅިގެން ކުރަން ޖެހޭ ބައެއް ކަންކަމުގެ މުއްދަތުތައް ކުރުކުރުމަށް ހިމަނާފައިވުމުންނެވެ. އެގޮތުން ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި ކޯޓަށް މައްސަލަތައް ވެއްދުމުގެ މުއްދަތުތައް ވަނީ ކުރުކޮށްފައެވެ. މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ބިލުގެ އިންތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއރިާގެ މެމްބަރު އަދަމް ޝަރީފު ވިދާޅުވީ، އިންތިހާބު ބާއްވަން ޖެހޭނީ އިންތިހާބުގައި ވާދަކުރާ ފަރާތްތަކާއި ވޯޓުލާ ފަރާތްތަކުގެ ހައްގުތައްވެސް ކަށަވަރުވާ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް މިހާރު ހުށަހެޅިފައިވާ ބިލުގައިވާ އިސްލާހުތަކުން އެ ހައްގުތައް ކަށަވަރު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "މި ބިލުގައި ހިމަނާފައިވާ އިންތިހާބުގެ މުއްދަތުތައް ކުރުކޮށްލުމަކީ މުޅި އިންތިހާބަށް އޭގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމެއް،" ޝަރީފު ވިދާޅުވިއެވެ. މިހާރު އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ އެޕްރީލް ހަތަރު ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. https://twitter.com/tedmaldives/status/1348558069492420609 އާދަމް ޝަރީފު ވިދާޅުވީ، އެ މުއްދަތުތައް ކުރުނުކޮށް އިލެކްޝަންސް ކޮމިޝަނާ މަޝްވަރާކޮށްގެން މިހާރު އިންތިހާބު ބާއްވަން އޮތް ތާރީހުގައި އިންތިހާބު ބޭއްވޭނެ ގޮތަށް ބިލު ފާސް ކުރަން ޖެހޭ ކަމަށެވެ. "މުއްދަތުތައް ކުރުގަޅުވާލާފައި މިކަން ކޮށްފިނަމަ، މި އިންތިހާބަކީ ސައްހަ ނޫން އިންތިހާބެއްކަމަށް ކޯޓުގައި ދައުވާކުރުމުގެ ފުރުސަތު އެބައޮތް،" ޝަރީފު ވިދާޅުވި އެވެ. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ .މަޖިލިސް އިދާރާ އިންތިހާބު ފަސްކުރުމަށް ކޮވިޑަކީ މިހާރު އުޒުރަކަށް ވެގެން ނުވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އިންތިހާބު ފަސްކުރުމުގެ ސަބަބުން ލާމަރުކަޒީ ނިޒާމް ރަނގަޅަށް ހިނގައި ނުގަނެ، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދަތިތައް ކުރިމަތިވަމުން އަންނަ ކަަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. "ޕެންޑަމިކް ތެރޭގައިވެސް [ކޮވިޑް ބަލިމަޑުކަމުގައިވެސް] ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ބޮޑެތި އިންތިހާބުތައް ބާއްވައިފި. އަޅުގަނޑުމެންނަށް މި އިންތިހާބު ނުބޭއްވުމުގެ ސަބަބުން ރައްޔިތުންގެ ވަރަށް ގިނަ ހައްގުތައް ގެއްލިގެންދާނެ ކަމުގެ ބިރު އެބަ އޮތް. އެހެންވީމަ އިންތިހާބު ބާއްވަން ޖެހޭނީ،" އާދަމް ޝަރީފު ވިދާޅުވި އެވެ. ރައްޔިތުންގެ ފުރާނަ ރައްކާތެރިކުުރުމާއެކުވެސް އިންތިހާބު ބާއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ބިލަށް ބަހުސް ކުރައްވަމުން އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، އެ އިސްލާހުތައް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ އެއްވެސް ކަހަލަ އިހްލާސްތެރިކަމެއް ނެތި ކަމަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ބާރު ކަޑުވައި، އެޗްޕީއޭއަށް އިންތިހާބު ބޭއްވޭނެ ތާރީހު ކަނޑައެޅުމުގެ ބާރު ދެވޭ ކަހަލަ ގޮތަަކަށް ގާނޫނުވެސް އަދި ބިލުވެސް އެގޮތަށް ފަރުމާކޮށްފައިވާ ކަމަށެވެ. "ގާނޫނުއަސާސީން ވަކި ގޮތަކަށްް ކަނޑައަޅާފައި އޮތް ކަމެއް ފާޑަކަށް މި ހަވާލުކުރެވެނީ އެޗްޕީއޭއާ. އެހެންވީމަ މިއީ ގާނޫނުއަސާސީއާ ފުށުއަރާ ކަންތައްތަކެއް މި ކުރައްވަނީ،" ޝިޔާމް ވިދާޅުވި އެވެ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ/ މަޖިލިސް އިންތިހާބު އިންސާފުވެރި ނުވާނެ ކަަމަށް އިދިކޮޅުން މީގެ ކުރިންވެސް ވަނީ ބުނެފައެވެ. އެ ވާހަކަތައް މިއަދުވެސް ޝިޔާމް ތަކުރާރު ކުރެއްވި އެވެ. އެގޮތުން އިދިކޮޅު ސިޔާސީ ލީޑަރު ޖަލުގައި ބާއްވައިގެން ބާއްވާ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު މިހާރު އޮތް ގޮތުން އިންތިހާބު ބޭއްވެން އޮތީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމާއެކު ކަމާ ބެހޭ ފަރާތްތަކުން އިންތިހާބު ބޭއްވުމަށް ސިއްހީ ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމުންނެވެ. މިހާރު ބިލު ހުށަހެޅީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވޭނެ ގޮތަަށެވެ. އަދި އިންތިހާބު ބޭއްވެނީ އެޗްޕީއޭއިން ކަނޑައަޅާ ގައިޑްލައިންއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބިލުގައި ބުނެފައިވެ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލު ބަލައިގަނެ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ދިރާސާކުރުމަށް ވަނީ ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ