މައުމޫންގެ ސަލާމަތީ ކަންކަން ސަޕޯޓަރުންނަށް ބެލެހެއްޓޭނެ: އުމަރު

ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމްގެ ސަލާމަތީ ކަންކަން ޕީޕީއެމްއާއި އެމަނިކްފާނުގެ ސަޕޯޓަރުންނަށް ބެލެހެއްޓޭނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނަށް ވަފާތެރި ބޭފުޅުންގެ ތެރޭގައި ހިމެނޭ އުމަރު މިހެން ވިދާޅުވީ މިއަދު އެމަނިކްފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އުމަރު ނަސީރުގެ ވިދާޅުވީ އެމްޑީޕީގެ ސަރުކާރު އޮތް ދުވަސްވަރުވެސް ރައީސް މައުމޫންގެ ސެކިއުރިޓީ ދަށްކޮށް އެމަނިކްފާނު ހައްޔަރުކުރުމަށް މަސައްކަތް ކުރުމުން ރައީސް މައުމޫންގެ ސަލާމަތީ ކަންކަން ބެލެހެއްޓީ ޕީޕީއެމްގެ ސަޕޯޓަރުންނާއި، އެކްޓިވިސްޓުންކަމަށެވެ.
އަދި މިއަދުވެސް ރައީސް މައުމޫންގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް އެދުވަހުތިބި ސަޕޯޓަރުންނާއި އެކްޓިވިސްޓުން އެބަތިބިކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
މައުމޫންގެ ސަލާމަތީ ކަންކަން ޕީޕީއެމްއާއި އެމަނިކްފާނުގެ ސަޕޯޓަރުންނަށް ބެލެހެއްޓޭނެކަމަށް އުމަރު ވިދާޅުވެފައިމިވަނީ އަމިއްލަ ދަތުރުފުޅުތަކުގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާއިރު، އެމްއެންޑީއެފްގެ ސެކިއުރިޓީ ރައީސް މައުމޫނަށް ނުދޭގޮތަށް ހަމަޖައްސާފައިވާކަމަށް އެމްއެންޑީއެފުން އަންގައިފައިވަނިކޮށެވެ.
ރައީސް މައުމޫނަށް މިކަން އަންގާފައިވަނީ އަމިއްލަފުޅު ދަތުރެއްގައި މިއަދު އިންޑިއާގެ ބެންގަލޫރަށް ވަޑައިގަތުމަށް ސެކިއުރިޓީއަށް އެދިވަޑައިގަތުމުންނެވެ.
ކުއްލިގޮތަކަށް އެމްއެންޑީއެފުން މި ނިންމުން ނިންމުމާއި ގުޅިގެން ރައީސް މައުމޫން ބެންގަލޫރަށް ފުރާވަޑައިގެންނެވީ ސެކިއުރިޓީއާއި ނުލައެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫންގެ އަރިސް ބޭފުޅަކު ވިދާޅުވީ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާއިރު، އެމްއެންޑީއެފްގެ ސެކިއުރިޓީ ހަމަޖައްސައިނުދެވޭނެކަމަށް މިއަދު އަންގާފައިވާކަމަށެވެ. އަދި އެފަދަ ނިންމުމެއް ކުއްލިގޮތަކަށް ނިންމީ ކީއްވެގެންކަން އަންގާފައިނުވާކަމަށެވެ.
ރާއްޖެއިން ބޭރަށް ވަޑައިގަންނަވާއިރު، އެމްއެންޑީއެފްގެ ސެކިއުރިޓީ ހަމަޖައްސައިނުދެވޭނެކަމަށް ރައީސް މައުމޫނަށް އަންގާފައިމިވަނީ މިއަދު މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށައެޅުނު އިތުބާރު ނެތްކަމުގެ ވޯޓަށް ތާއީދުކުރައްވާކަމަށް އެމަނިކްފާނު ހާމަކުރައްވާފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ