މާލޭ އިންޑަސްޓްރިއަލް ވިލޭޖަށް ވަކިން ކަރަންޓް ފޯރުކޮށްދިނުމަށް އިންޖީނުގެއެއް އެޅުމަށް ސްޓޭޓް އިލެކްޓިކް ކޮމްޕެނީ (ސްޓެލްކޯ) އަށް ހައުސިންގ މިނިސްޓްރީން ބިމެއް ދީފިއެވެ.
މިއަދު މެންދުރު ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއް ޝަކޫރު ސޯލިހުއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ބިމެއް ސްޓެލްކޯ އާއި ހަވާލުކުރީ އިންޑަސްޓްރިއަލް ވިލޭޖްއަށް ވަކި ގްރިޑެއްގެ ދަށުން ކަރަންޓް ދިނުމަށް ވަކި އިންޖީނުގެއެއް އެޅުމަށް ކަމަށެވެ.
"އިންޑަސްޓްރިއަލް ވިލެޖް ވަކި ގްރިޑެއްގެ ދަށުން ކަރަންޓް ދެވޭ ވަކި ޕަވާހައުސްއެއް ހުންނަ ތަނެއްގެ ގޮތުގަ ކަނޑައެޅުމަށް ސަރުކާރުން މި ވަނީ ނިންމާފަ. އެއީ ވެއާ ހައުސް އިންޑަސްޓްރިއަލް އެކި ކަހަލަ މަސައްކަތްތައް ހިނގާތަކަނަށް ވެފަ ވަކިން ހިންގަން ޖެހޭ ތަނަކަށް ވާތީވެ އެގޮތަށް ކަނޑައެޅުމަށްޓަކައި". މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.
މިނިސްޓަރ މުއިއްޒު ވިދާޅުވީ، މާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓް ދާ ދިޔުމަށް ބެކްއަޕް ދިނުމަށްޓަކައި ބޭނުން ކުރެވޭނެ ޖެނެރޭޓަރ ބެކްއަޕް ސިސްޓަމް އެތަނުން ހަމަޖައްސައިދޭނެކަމަށެވެ.
އެއީ ދިހަ ހާސް އަކަ ފޫޓުގެ ބިމެކެވެ. ބިން ސްޓެލްކޯ އާއި ހަވާލުކޮށްފައި ވަނީ އެއްވެސް އަގަކާއި ނުލައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ އެމްޑީ ޝުކޫރު ވިދާޅުވީ، މި ބިމާއި ސްޓެލްކޯއިން ހަވާލުވަނީ ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި އެތާގައި އިންޖީނުގެއެއް އަޅައި އެންމެ ރަނގަޅު ހިދުމަތް ދިނުމަށް ކަމަށެވެ. ޝުކޫރު ވިދާޅުވީ އެތާގައި އިންޖީނުގެ އަޅައިގެން އެންމެ ފުރަތަމަވެސް ފަހެއް ނޫނީ ހަ މެގަވޯޓުގެ ޕަވާ ދެވޭތޯ މަސައްކަތް ކުރާނެކަމަށެވެ.
"ފަހަރެއްގެ ކުރިއަށް އޮތް ފަސްއަހަރު ތެރޭގަ އެ މިންވަރު އަރައިގެން ހިނގައިދާނެ ގާތްގަނޑަކަށް 10އެއް ނޫނީ 12 މެގަވޯލްޓަށްވެސް. ލަފާކުރެވޭ ގޮތުގައި އަޅުގަނޑުމެންނަށް މިހާރުން މިހާރަށް އެތާގައި އެވަރު ގާއިމް ނުކުރެވުނަސް ޕްލޭން ޑިވެލޮމް ކުރަމުން މި ގެންދަނީ އެގޮތުގެ މަތިން". ޝުކޫރު ވިދާޅުވިއެވެ.
ޝުކޫރު ވިދާޅުވީ، ޕަވާ ހައުސްއަށް ބޭނުންވާ ފިނި ކުރުމުގެ ކަންތައްވެސް ފުންކަނޑު ހިސާބުން ލޮނުވެސް ނަގައިގެން ކޫލިންގ ސިސްޓަމްވެވެސް ގާއިމް ކުރެވޭތޯ މަސައްކަތް ކުރަން ހިޔާލުކޮށްފައި ވާކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަހަރެއް ނޫނީ ދޮޅު އަހަރެއްގެ ތެރޭގައި އަޅުގަނޑުމެން އެތަން ކޮމިޝަންކޮށް އެތަނުން ހިދުމަތް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން ގެންދާނަން". ޝުކޫރު ވިދާޅުވިއެވެ.
މިނިސްޓަރ މުއިއްޒު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލޭޖް ގާއިމްކުރެވިގެން ދަނީ އިމާރަތްތަކެއް ހެދިގެން ކަމަށެވެ. އެގޮތުން މަލްޓި ސްޓޯރޭޖް، ވެއާ ހައުސިންގ، ވޯކްޝޮޕްތައް އެތާގައި ހިންގޭނެއެވެ.
"އެހެންވީމަ މި ތަނުގެ އިމާރަތްތައް ހެދިގެން ދާންވާއިރަށް އެތަންތަން ނިންމުމުގެ ކުރީގަ ޕަވާ ހައުސް ހެދުމަކީ ހަމަ ޒަރޫރީ ކަމެއް. އަދި މީގެ މާ ކުރިން ވާނީ އެމްޑަމްބިލްއެސްސީ އާ ހަވާލުކޮށްފަ އެބޭފުޅުންވެސް އެ ސަރަހައްދުގަ ގާއިމްކުރަން ޖެހޭ ސްޓޭޝަން ގާއިމް ކުރުމަށް". މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.
އިންޑަސްޓްރިއަލް ވިލޭޖަށް ވަކިން ކަރަންޓް ދިނުމަށް އިންޖީނު ގެއެއް އެޅުމަށް ބިމެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ