އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލާ މައްސަލައެއްގައި ޖިނާއީ ތަހުގީގެއް ކުރާ ނަމަ، އެ ކަމާ ގުޅޭ ގޮތުން ހޯދަންޖެހޭ ކޯޓު އަމުރު ހޯދޭނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މެދުވެރިކޮށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން އެ ގޮތަށް ކަނޑައެޅީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ހުއްޓާލުމަށް ހައި ކޯޓުން ނެރުނު އަމުރު ބާތިލްކޮށް އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމުގަ އެވެ.
އެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުން އޭސީސީން ތަހުގީގުކުރާ ޖިނާއީ މައްސަލައެއްގައި ވެސް ޖިނާއީ އިޖްރާއާތުގެ އުސޫލަށް ތަބާވާންޖެހޭނެ ކަމާއި އެގޮތުން ޖިނާއީ ތުހުމަތެއްގައި ހޯދަންޖެހޭ ކޯޓު އަމުރުތައް ހޯދަންޖެހޭނީ ޕީޖީ މެދުވެރިކޮށް އެ ކުށެއްގެ މައްސަލަ ބެލުމުގެ ބާރު ލިބިގެންވާ ކޯޓަކުން ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ޖިނާއީ ތުހުމަތުތަކާ ގުޅިގެން ޖިނާއީ އިޖްރާއާތުގެ ބޭރުން އެހެން އިޖްރާއާތުތަކެއް އެ މައްސަލައެއް ބަލާ ފަރާތަށް ހިންގިގެންނުވާނެ ކަމަށް އޭގައި ފާހަގަކޮށްފައިވެ އެވެ. އަދި ޖިނާއީ ތުހުމަތެއްގެ މައްޗަށް ބިނާކޮށް ދެ ފަރާތެއްގެ ދެމެދުގައިވާ އެއްބަސްވުމަކަށް އަމަލުކުރުން ހުއްޓުވުން ނުވަތަ ބާތިލްކުރުން ފަދަ ފިޔަވަޅުތައް ވެސް އަޅެންޖެހޭނީ ޖިނާއީ އިޖްރާއާތުގެ ތެރެއިން ކަމަށް ވެސް އެ ހުކުމުގައި ފަނޑިޔާރުން ފާހަގަކޮށްފައިވެ އެވެ.
މީގެ ކުރިން އޭސީސީން ވަނީ އަމިއްލަ އަށް ކޯޓު އަމުރު ހޯދައިގެން ތަންތަނަށް ވަދެ ބަލާފާސްކޮށް ހަދައިފަ އެވެ. ބޯޑާ ކޮންޓްރޯލް މަޝްރޫއު ގާއިމްކުރުމުގެ މައްސަލައިގައި އިމިގްރޭޝަނަށް ވަދެ ފާސްކޮށް އެ ތަނުގައި ހުރި ލެޕްޓޮޕްތަކެއް ވެސް އޭސީސީން ގެންގޮސްފައިވަނީ އަމިއްލަ އަށް ކޯޓު އަމުރު ހޯދައިގެންނެވެ.
މީގެ ކުރިން ވެސް ސުޕްރީމް ކޯޓުން ވަނީ މިފަދަ ނިންމުމެއް ނިންމާފަ އެވެ. އޭރު ނިންމި ނިންމުމުގައި ބުނެފައިވަނީ ބަންދުގެ އަމުރުގެ މައްސަލަތައް ފުލުހުންނަށް އަމިއްލަ އަށް އިސްތިއުނާފް ނުކުރެވޭނެ ކަމަށާއި އެ ކަން ވެސް ކުރަންޖެހޭނީ ޕީޖީ މެދުވެރިކޮށް ކަމަށެވެ.
އޭރު އެ ގޮތަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބަންދުކުރުމުން އެ ބޭފުޅުން ބަންދުން ދޫކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގަ އެވެ.
އޭސީސީ އަށް ކޯޓު އަމުރު ހޯދޭނީ ޕީޖީ މެދުވެރިކޮށް: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ