އެމްޑީޕީން މަޖިލިސް ބޭނުންކުރީ މެންބަރުން ގަނެވިއްކާ ތަނެއްގެ ގޮތުގައި: އުމަރު

އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީސް ބޭނުންކުރީ މެންބަރުން ގަނެވިއްކާ ތަނެއްގެ ގޮތުގައި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.އައްޑޫ ހިތަދޫ އުތުރު ދާއިރާ އަށް ޕީޕީއެމް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ އަލީ އިބްރާހީމްގެ ކެމްޕެއިން ޖަގަ ހުޅުވުމަށް އަލިކިލޭގެފާނު މަގުގައި ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ މެންބަރުން ގަންނަމުން ގަންނަމުން ގޮސް އެމްޑީޕީން އެކަން ނިންމީ މަޖިލީސްގެ ރައީސް (އަބްދުﷲ ޝާހިދު)ގެ ގޮނޑި ވެސް ގަނެފައި ކަމަށެވެ. އޭގެ އިތުރުން މަޖިލީހުގައި ވެސް ނުބައި އަހުލާގެއް ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "ރައްޔިތުން މަޖިލީހުގައި އެ ޕާޓީ އަށް ނިސްބަތްވާ މީހުން ކުނިވަށިގަނޑު ބޮލުގައި އަޅައިގެން ރައްޔިތުން މަޖިލިސް ތެރޭގައި ހިނގާ، ޓައީން ނަގޫ ހަދައިގެން މަޖިލިސް ތެރޭގައި ދުވެ، މިކަހަލަ ކޮށްފަނުކުރާނެ އެއްވެސް ކަމެއް ނެތް، އަޅުގަނޑުމެން ދުށީމު،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ މި ފަހަރު މަޖިލީހަށް މެންބަރުން ހޮވާއިރު އެކަންކަމަށް ވިސްނައި އަހުލާގު ރަނގަޅު މީހުން ހޮވަން ވިސްނަންޖެހޭ ކަމަށެވެ. އެމްޑީޕީ އަށް ގާނޫނީ އެއްވެސް ބާރެއް ލިބިއްޖެ ނަމަ ރާއްޖޭގައި އަނެއްކާ ވެސް ހަމަނުޖެހުން އިތުރުވެ އިގްތިސާދީ ވަޅުގަނޑަކަށް ވެއްޓޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ މި ފަހަރުގެ މަޖިލީހުގައި ޕީޕީއެމް ކޯލިޝަނަށް ލިބޭ ވޯޓު ބައިބައިވާ ގޮތަށް ބައެއް ކަންކަން އެބަ ހިނގާ ކަމަށާއި މި ގޮތުން 66 ދާއިރާއެއްގައި ވޯޓު ބައިބައިވާ ގޮތަށް ކަން ހިނގާ ކަމަށެވެ. ކޯލިޝަންގެ މެންބަރުން ވާދަކުރާ ދާއިރާތަކަށް ކޯލިޝަންގެ ޕާޓީތަކުން ކަމަށް ބުނެ އަމިއްލަ ގޮތުން ބައެއް ކެންޑިޑޭޓުން އެބަ ވާދަކުރާ ކަމަށާއި އެ ގޮތަށް އެކަން ކޮށްފި ނަމަ އެމްޑީޕީ އަށް އެކަމުގެ ފައިދާ ލިބުން އެކަށީގެންވާތީ އެކަން އެ ގޮތަށް ނުކުރުމަށް އޭނާ ގޮވައިލެއްވި އެވެ. "އެ ބޭބޭފުޅުން ވިދާޅުވޭ ތިމަންނާމެން ކުރިމަތިލަނީ ޕީޕީއެމުން ބުނެގެންނޭ. ބައެއް މީހުން ބުނޭ ތިމަންމެން ކުރިމަތިލަނީ ޕީޕީއެމުން ބުނެގެންނޭ. އަނެއް ބައި މީހުން ބުނޭ ތިމަންނާމެން މިވެނި ބޭފުޅަކު ވިދާޅުވެގެންނޭ. އަޅުގަނޑު ދަންނަވާނީ މިއީ ކަނޑައެޅިގެން އިތުރުފުޅޭ،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ 2004 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ރާއްޖޭ އޮތީ ވަރަށް ހަލަބޮލި ކަމެއްގެ ތެރޭގައި ވަރަށް ބޮޑަށް ބައިބައިވެފައިވާ ކަމަށެވެ. އެ ވާދަވެރިކަން ދޫކޮށް އިގްތިސާދީ އަޑިގަނޑުން އަރައިގަންނަންޖެހިފައިވާ ކަމަށާއި ގައުމައިގެން އެންމެން ދަތުރުކުރަންޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިރޭގެ ޖަލްސާގައި ކުރީގެ ރައީީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ވަނީ އަމިއްލަ ގޮތުން ކުރިމަތިލައްވާ ކެންޑިޑޭޓުންނަށް ކޯލިޝަންގެ މެންބަރުންނަށް ތާއީދުކުރާކަން އިއުލާންކުރުމަށް ގޮވާލައްވައިފަ އެވެ. ވޯޓު ބައިބައިވެގެންދާ ގޮތަށް މަސައްކަތް ނުކުރުމަށް ވެސް އެމަނިކުފާނު ގޮވައިލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ