އިކްރާމްގެ ދަރަނީގެ މައްސަލައިގެ ލިޔެކިޔުންތައް ސުޕްރީމް ކޯޓަށް ނަގައިފި
ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ކޮމިޝަނަށް އައްޔަންކޮށްފައިވާ މެންބަރު ލަތީފާ ގާސިމްގެ ފިރިކަލުން މުހައްމަދު އިކްރާމްގެ މައްޗަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ދަރަނީގެ މައްސަލައެއްގެ ލިޔުންތައް ސުޕްރީމް ކޯޓުގެ ބޭނުމަށް ގެންގޮސްފި އެވެ.ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ޝަމްއާ އިސްމާއީލް ސޮއިކުރައްވައި ފޮނުވި ސިޓީއަކުން އެ ކޯޓަށް ގެންގޮސްފައި ވަނީ މ. ނަތީޖާ ނަމަކަށް ކިޔާ ގޯއްޗެއް 18 އަހަރަށް އިކްރާމާ ހަވާލުކުރުމަށް ހަދާފައިވާ އެއްބަސްވުމާ ހިލާފުވުމުން އޭގެ ބަދަލު ދިނުމަށް ކޮށްފައިވާ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި އެ ގޭ އަޝްރާ އަލީ އާއި ޝިރުމީނާ އަލީ ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާގެ ލިޔެކިޔުންތަކެވެ. ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ދެއްކުމަށް ކުރި ހުކުމާ އެއްގޮތަށް އިކްރާމް ފައިސާ ދައްކާފައި ނުވާތީ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައިގެ ލިޔުންތައް ގެންދިއުމަށް ސިޓީ ފޮނުވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. ސުޕްރީމް ކޯޓުގެ ސިޓީގައި ބުނެފައި ވަނީ އެ ގޮތަށް ނިންމީ ބެލެނިވެރިކަމުގެ އިހުތިސާސްގެ ދަށުން އިކްރާމް ހުށްހެޅުއްވުމާ ގުޅިގެން ޝަރުއީ އަދި ގާނޫނީ ނަޒަރަކުން ބެލުމަށް ފަހުގައި ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ވަކި އެއްޗެއް އަންގަންދެން ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ވެސް އެ ސިޓީގައި ސިވިލް ކޯޓަށް އަންގާފައި ވެ އެވެ. ވީމީޑިއާގެ ޑިރެކްޓަ ޖެނެރަލް އޮފް ޕޮލިޓިކަލް އެފެއާޒްގެ މަގާމުގައި ހުންނެވި އިކްރާމްގެ މައްޗަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެއްބަސްވުމާ ހިލާފުވެފައިވާތީ އެ އެއްބަސްވުން ބާތިލްވެފައިވާ ކަމަށާއި އެއްބަސްވުމުގެ 14 ވަނަ މާއްދާގެ ދަށުން އޭޕްރީލް 13، 2014 އިން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި ޝިރުމީނާ އާއި އަޝްރާ އަށް 922،400ރ. ދައްކައި ހަލާސްކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ