ސުޕީރިއާ ކޯޓުތަކުގެ ބައެއް ފަނޑިޔާރުން ބަދަލުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމުގެ ސަބަބުން ޝަރުއީ ދާއިރާގައި އަނެއްކާ މި ވަނީ އާ މައްސަލައެއް ނުކުމެފަ އެވެ. ޖޭއެސްސީގެ އެ ނިންމުމަށް އަމަލުނުކުރެވޭނެ ކަމަށް އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ޖޭއެސްސީން ދަނީ އެ ނިންމުން ދިފާއުކޮށް އަދި އެ ނިންމުން ބަދަލުނުކުރެވޭނެ ކަމަށް ބުނަމުންނެވެ. ރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ވެރިޔާ ވަކި ގޮތަކަށް ވިދާޅުވާ އިރު އަނެއްކޮޅުން ފަނޑިޔާރުންނާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާއާ ހަވާލުވެފައިވާ ކޮމިޝަނުން އެކަމާ ދެކޮޅަށް ވާހަކަ ދައްކާތީ ފަނޑިޔާރުން މިހާރު ތިއްބެވީ ދެ ކަފި މަގެއްގެ މެދުގަ އެވެ.
ފަނޑިޔާރުންގެ ގާނޫނުގެ 47 ވަނަ މާއްދާގައި ވަނީ ފަނޑިޔާރަކު އޭނާ މަސައްކަތް ކުރާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރެވޭނީ ޖުޑިޝަލް ކައުންސިލުން އެކަމަށް ހުށަހެޅުމުން ކަމަށެވެ. އެ ގާނޫނުގެ 49 ވަނަ މާއްދާގައި ބުނަނީ ވަގުތީ ގޮތުން އެހެން ކޯޓަކަށް ފަނޑިޔާރަކު ބަދަލުކުރުމާ މެދު ކޮމިޝަނަށް ގޮތެއް ނިންމޭނީ ވެސް ޖުޑިޝަލް ކައުންސިލްގެ ހުށަހެޅުމަކަށް ކަމަށެވެ. ނަމަވެސް ގާނޫނުގައި އެ ބުނާ ޖުޑިޝަލް ކައުންސިލެއް ނެތެވެ. ކޯޓުތަކުގެ ގާނޫނު ވުޖޫދަށް އައިތާ މާ ގިނަ ދުވަހެއް ނުވަނީސް 2011 ގައި ސުޕްރީމް ކޯޓުގެ ރޫލިންއަކުން ވަނީ އެ ކައުންސިލް އުވާލައިފަ އެވެ. ނަމަވެސް މިދިޔަ އަންގާރަދުވަހު ޖޭއެސްސީގެ ރައީސަށް އުއްތަމަ ފަނޑިޔާރު ފޮނުއްވި ސިޓީ އަށް ބެލުމުން އެ ކައުންސިލް "ކޮންމެވެސް ގޮތަކަށް" އެބަ އޮތް ކަމަށް ދޭހަވެ އެވެ.
އުއްތަމަ ފަނޑިޔާރުގެ ސިޓީގައި ވަނީ އެގޮތަށް ފަނޑިޔާރުން ބަދަލުކުރެވޭނީ ޖުޑިޝަލް ކައުންސިލްގެ ލަފާގެ މަތިން ކަމަށާއި އެ ކައުންސިލަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސް ކަމަށެވެ.
ޖޭއެސްސީ އެކުލެވިފައި އޮތް ގޮތުން މިހާރު ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ވާއިރު އުއްތަމަ ފަނޑިޔާރުގެ އެ ސިޓީ އޮތް ގޮތުން ޖޭއެސްސީގެ ރައީސަކީ ވެސް އެ ބުނާ ޖުޑިޝަލް ކައުންސިލްގެ މެމްބަރެކެވެ. އެހެންކަމަށްވާ ނަމަ ފަނޑިޔާރުން ބަދަލުކުރުމުގެ މަސައްކަތް ކޮމިޝަންގެ ކޮމެޓީތަކުން ކުރަމުން ދިޔައިރު އެކަން "ޖުޑިޝަލް ކައުންސިލް" ނުވަތަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ބުނުމުގެ ޖާގަ އެބަ އޮތެވެ. އެހެންކަމުން ސުޕްރީމް ކޯޓުން އޭރު އެކަން ނުހުއްޓުވީ ނުވަތަ އެކަމާ ދެކޮޅަށް ވާހަކަ ނުދެއްކުމުން ސުވާލު އުފެދެ އެވެ.
ފަނޑިޔާރުން އެގޮތަށް ބަދަލުނުކުރެވޭނެ ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު ފޮނުއްވި ސިޓީ އަށް އަމަލުކުރުން ލާޒިމް ވާނެތޯ ވެސް އެއީ ސުވާލެކެވެ. ސިޓީ އަކީ ސުޕްރީމް ކޯޓުގެ ޝަރުއީ ނިންމުމެއްތޯ ނުވަތަ އިދާރީ އެންގުމެއްތޯ ސާފުނުވާތީ އެކަން ވެސް ގާނޫނީ ގިނަ ބައެއްގެ މެދުގައި މިހާރު ވަނީ ބޮޑު ބަހުސަކަށް ވެފަ އެވެ. މިސާލަކަށް އިދާރީ އެންގުމަކަށް އެ ސިޓީ ވިޔަސް އެއާ ޗެލެންޖް ކުރަން ދާން ޖެހެނީ ސުޕްރީމް ކޯޓަށެވެ. އެހެންވުމުން އެ އެންގުން ބަދަލުކުރުމުގެ ފުރުސަތު ކުޑަވުމުން އެއީ ސުޕްރީމް ކޯޓުގެ ޝަރުއީ ނިންމުމަކާ އެއްފަދަ އެއްޗެއް ކަމަށް ބުނެވިދާނެ އެވެ.
ނަން ނުޖަހަން ޝަރުތުކުރައްވައި ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވި ގޮތުގައި އެކަމުގައި ކޮމިޝަނުން ލަފާ ހޯދަން ޖެހެނީ ކޮން ފަރާތަކުންކަން ސާފެއް ނުވެ އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރުގެ އެ ސިޓީ އަށް ކޮމިޝަނުން ބޯލަނބަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުމެއް ގަބޫލުކުރަން ކިތަންމެ ދަތިވި ނަމަވެސް އެއީ ޝަރުއީ ދާއިރާގެ ފަހު ބަސް ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު އެ ވަކީލަށް ވެސް އެ ސިޓީގެ ބާވަތާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އޭނާ ވަކީލް ގަބޫލުކުރައްވާ ގޮތުގައި އެއީ އެ ކޯޓުގެ ޝަރުއީ ނިންމުމެއް ނަމަ އެއަށް އަމަލުކުރުން ޖޭއެސްސީ އަށް ލާޒިމް ވާނެ އެވެ. އެހެންކަމުން އެއީ ޝަރުއީ ނިންމުމެއްކަން ނުވަތަ އިދާރީ އެންގުމެއްކަން ސާފުވާނެ ފަދަ "ރޮނގެއް" ދަމާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖޭއެސްސީ އަށް ބުނެވިދާނެ އުއްތަމަ ފަނޑިޔާރުގެ އެ ނިންމުމަކީ ޖުޑިޝަލް ނިންމުމެއް ނޫނޭ. އެހެންވީމާ ތިމަންނާމެން އެއަށް އަމަލުކުރުން ލާޒިމެއް ނޫނޭ. އެކަމަކު އެ އޮތީ އެކަމުގައި ސުޕްރީމް ކޯޓުން ދެކޭ ގޮތް ހާމަކޮށްފައި. ދެން އެކަން ހައްލުކުރުމަށްޓަކައި ވެސް ދާން ޖެހޭނީ އެއްކަލަ ސުޕްރީމް ކޯޓަށް. ދިޔައިމަ ކޯޓުގެ ނިންމުމަކަށް ވާނީ ޖޭއެސްސީގެ ނިންމުން ބާތިލްވާނެއޭ،" ވަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރުން ބަދަލުކުރަން ކޮމިޝަނުން ނިންމި ނިންމުން ވެސް ރަނގަޅެއް ނޫނެވެ. ސަބަބަކީ އެއްވެސް ނުފޫޒެއް ނެތި ފަނޑިޔާރުންނަށް މަސައްކަތް ކުރެވެން ޖެހޭނެ ކަމަށް ގާނޫނުގައި އޮންނަ އިރު ކޮމިޝަންގެ ނިންމުމުގެ ސަބަބުން އެ ހައްގުން ފަނޑިޔާރުން މަހްރޫމްވުމެވެ. އަދި އެގޮތަށް ކޮމިޝަނުން ނިންމި ސަބަބާއި ހާލަތު ދިމާނުވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ކޮމިޝަނުން މި ބުނަނީ ފަނޑިޔާރުން ތާޒާ ކުރަންވެގެންނޭ ބަދަލުތައް ގެންނަނީ. އެކަމަކު މިސާލަކަށް އިހަކަށް ދުވަހަކު ފެމިލީ ކޯޓަށް އަލަށް ހަމަޖެއްސި ފަނޑިޔާރުން ބަދަލުކުރަންވީ ކީއްވެގެންތޯ؟ އިހަކަށް ދުވަހު އައި ފަނޑިޔާރުން ކޮން ތާޒާއެއް ކުރަންވެގެންތޯ ބަދަލުކުރަންވީ؟" ވަކީލް ވިދާޅުވި އެވެ.
ޖޭއެސްސީން ގެނައި ބަތަލުތަކާ އެއްގޮތަށް ޖެނުއަރީ 1 އިން ފެށިގެން އެ ފަނޑިޔާރުންނަށް އަމަލްކުރައްވަން ޖެހިވަޑައިގަނެ އެވެ. އެހެންކަމުން މިހާރު މި އޮތީ ބޮޑު ސުވާލެއް އުފެދިފަ އެވެ. އަދި ހައްލެއް ވެސް ހޯދަން ޖެހިފަ އެވެ. ނޫން ނަމަ ޖެނުއަރީ 1 އިން ފެށިގެން ދައުލަތުގެ އެއް ބާރުގެ މަސައްކަތް ހުއްޓުމުގެ ފުރުސަތު މި އޮތީ ދިމާއަށް ފެންނާށެވެ.
ފަނޑިޔާރުން ބަދަލުކުރުމުގައި ސުޕްރީމް ކޯޓާއި ޖޭއެސްސީ ކޯޅުމަކަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ