ރިޝްވަތު ދިނުމާއި ޤާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމުގެ ފެކްޝަންގެ މީހެއްގެ ގެއެއް ކޯޓު އަމުރެއްގެ ދަށުން މިރޭ ބަލައި ފާސްކޮށްފި އެވެ.
ބަލައި ފާސްކޮށްފައި ވަނީ މައުމޫނަށް ތާއީދުކުރާ އިބްރާހިމް އަފްރާތު (އަފޫ) ދިރިއުޅޭ މއ.ގުލްޝަން ކިނާރާ އެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން އަފޫގެ ގެ ފާސްކުރީ "މަޖިލީހުގެ ނައިބު ރައީސްގެ ރުހުން އޮތްތޯ ބެލުމަށް، ނެގުމަށް ތާވަލްކޮށްފައިވާ ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ހުށަހަޅަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، ސިޔާސީ ފަރާތްތަކުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ފަދަ މިނިވަން ބާރަކަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތްތަކުގައި، ސިޔާސީ ފަރާތްތަކާ ބައްދަލުކޮށް، އެފަދަ ފައިސާ ހަވާލުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ މއ. ގުލްޝަން ކިނާރާ، އިބްރާހިމް އަފްރާތު ކަމާ، މީނާ އަށް ފައިސާ ފޯރުކޮށްދެނީ ސިޔާސީ ފަރާތްތަކުން ކަމާއި، އެ ފައިސާ އެކި ފަރާތްތަކަށް ހަވާލުކުރުމަށް މއ. ގުލްޝަން ކިނާރާގައި ރައްކާކޮށްފައި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާތީ، މައްސަލައާ ގުޅުންހުރި ހެކި ގާރީނާ ހޯދައި، މައްސަލައާ ގުޅުން ހުރި އެންމެހާ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް" ކަމަށެވެ.
"މިހާރު" ނޫހުން ހާމަކުރާ ގޮތުގައި އެނޫހާއި ވާހަކަދެއްކި އަފްރާތުގެ ރައްޓެއްސަކު ބުނީ އެގެ ބަލާ ފާސްކުރިއިރު އެފަދަ އެއްވެސް އެއްޗެއް އެގެއިން ފެނިފައިނުވާ ކަމަށެވެ. މިމައްސަލަ އާއި ގުޅިގެން އަފްރާތު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.
ރިޝްވަތުގެ ފައިސާ ހުރިކަމަށް ބުނެ އަފްރާތުގެ ގެ ބަލާ ފާސްކޮށްފައި މިވަނީ, ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް މިރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ވަގުތެއްގައިކަން ފާހަގަ ކޮށްލެވެއެވެ.
ރިޝްވަތުގެ ފައިސާ ހުރިކަމަށް ބުނެ މައުމޫނު ފެކްޝަންގެ މީހެއްގެ ގެެއެއް ބަލައި ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ