ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްގައި މަސީހާއި ދެކޮޅަށް ވޯޓްދެއްވާ މެމްބަރުން އިތުރު ދައުރަކަށް ހޮވައިދިނުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތައް ގުޅިގެން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް ޓިކެޓް ދީ އެ މެންބަރުން ހޮވުމަށް ގުޅިފައިވާ ސިޔާސީ ހަތަރު ޕާޓީން ކޮށްދެވެން ހުރި މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި އެ ޕާޓީތަކަކީ ޖުމްހޫރީ ޕާޓީގެ އިތުރުން، ޕީޕީއެމް، އެމްޑީޕީ އާއި އަދާލަތު ޕާޓީ އެވެ.
"މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުން އިތުރު ދައުރަކަށް އިންތިހާބު ކޮށްދިނުމަށް މަސައްކަތް ކުރާނަން، ހުރިހާ ގޮތަކުން އެހީތެރިވެދޭނަން،" ވިލާ ގްރޫޕްގެ ޗެއާމަން ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މަސީހާ ދެކޮޅަށް މާދަމާ ނެގުމަށް ހަމަޖެހިފައިވާ ވޯޓަކީ އަދުލު އިންސާފު ގާއިމުކޮށް، ހަމަޖެހުން ގާއިމުކުރަން ދެވޭ ވޯޓެއް ކަމަށާއި ގައުމުގެ މުސްތަގުބަލަށްޓަކައި މަސީހު "ބޭރު ކުރަން" ޖެހޭ ކަމަށެވެ. އަދި މަސީހުގެ ވޯޓު ނާކާމިޔާބު ވެއްޖެ ނަމަ، އެކަމާ ހިތާމަކޮށް، އެތައް ބަޔަކު ކުށްވެރި ކުރަން މަސައްކަތް ކުރާ ތަން ފެންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރު ކުރުމަށް މެމްބަރުން ވޯޓު ދެއްވާނީ "ހޫނު ފެނަށް އެރެން ބޭނުންވާ ނަމަ" ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު އަދި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު އިންޒާރު ދެއްވުމާ ގުޅިގެން އެކަމަށް ގާސިމް ވަނީ ފާޑު ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން ބިރެއް ނުގަނޭ، ހޫނު ފެނަކަށް ނުލެވޭނެ، އެ ދުވަސް މާޒީވެ ގޮސްފި، އެއޮއް ދަނީ ގާދޫ ކޮލުން، (މާލެ/ހުޅުލެ) ބްރިޖުގެ ނުބެނދި އިން ތަންކޮޅުން ލާފައި ދެމިގެން ގޮސްފި،" ގާސިމް ވިދާޅުވި އެވެ.
މަސީހު މަގާމުން ވަކި ކުރުމަށް ފަހު، މެންބަރުންނަށް ބިރު ދައްކައި އަދުލު އިންސާފުން ބޭރުން ހުކުމެއް ވެސް ނުކުރެވޭނެ ކަމަށާއި ސިފައިންނާއި ފުލުހުން ނެރެ، މީހުން ހައްޔަރު ނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ފުލުހުންނާއި ސިފައިންނަކީ "ގަމާރުން ނޫން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ސިޔާސީ ލީޑަރުން ހައްޔަރު ކުރުމުގެ ވިސްނުމެއް ފުލުހުންނާއި ސިފައިންގެ ނެތެވެ. ސަލާމަތީ ބާރުތަކަކީ ވަކި ބަޔަކު ހިމާޔަތް ކުރަން ތިބި ބައެއް ނޫން ކަމަށާއި، އެ ފަރާތްތަކުން ހިމާޔަތް ކުރާނީ ގައުމުގެ މަސްލަހާތާއި އަމާންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަނިޔާއެއް ވެސް ނުކުރެއްވޭނެ، ހިފައި ހައްޔަރެއް ވެސް ނުކުރެއްވޭނެ، އެ ގޮތަކަށް އަމުރު މައުރޫފް ހިންގައިގެން މަޖިލިސް މެމްބަރުން އަޅުވެއްޗެއް ނުކުރެވޭނެ، ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒެއް ވެސް ނުފޯރުވޭނެ،" ޖޯޝާއި ފޯރީގައި ހުންނެވި ގާސިމް ވިދާޅުވި އެވެ.
މަސީހާ ދެކޮޅަށް ވޯޓު ދީ، އިތުރު ދައުރަކަށް ހޮވައި ދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ