އެމްޑަބްލިޔޫއެސްސީގެ އަލިފާނުގެ ހާދިސާއަކީ ގަސްދުގައި ބަޔަކު ކުރި ކަމެއް ނޫން: އުމަރު
މިދިޔަ ބުރާސްފަތި ދުވަހު އެމްޑަބްލިޔޫއެސްސީގެ ޕެނަލް ރޫމުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. "މިހާރުން މިހާރަށް ފެންނަ ކަންކަމުން އެއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ފެންނާނެ އެއްވެސް ނިޝާނެއް ނެތް،" އަލިފާނުގެ ހާދިސާގައި ޕެނަލްތަކަށް ލިބިފައިވާ ގެއްލުން ނޫސްވެރިންނަށް ދައްކާލެއްވުމަށް ފަހު އުމަރު ވިދާޅުވި އެވެ. ޖަނަރޭޓަރުތަކާއި ފެން އުފައްދާ ޕްލާންޓް ގުޅުވާލަދޭ މި ޕެނަލްތައް އަލިފާނުގެ ހާދިސާގައި އެނދުމުގެ ސަބަބުން ފެނުގެ ހިދުމަތް ކެނޑި، މާލެ ވަނީ ފެނަށް ޖެހިފަ އެވެ. ޕެނަލްތަކުގައި އަލިފާން ރޯވި ނަމަވެސް، އުމަރު ވިދާޅުވި ގޮތުގައި އެފަދަ ހާދިސާއަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެތަނުގައި އަޅާފައި ހުއްޓެވެ. އެ ފިޔަވަޅުތައް އަޅާފައި ހުރީ ކޮން މިންވަރަކަށް ކަން އެނގޭނީ ތަހްގީގަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ. އަލިފާން ރޯވި ސަބަބެއް އަދި ނޭނގޭ ކަމަށް އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އުމަރު މިއަދު ވިދާޅުވި އެވެ. ޕެނަލްތައް ހުރި އިމާރާތަކީ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމުގެ ހުރިހާ ފިޔަވަޅެއް އަޅާފަައި ހުރި ތަނެއް ކަމަށް ކަމަށާއި އަލިފާނުގެ ހާދިސާއަކީ ހިނގި އެކްސިޑެންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ. މާލެ ފެނަށް ޖެހިފައިވާ މައްސަލަ ހައްލުވެ، ބަރާބަރަށް ފެން ލިބުން ފެށެންދެން ގޭގެ އާއި އިމާރާތްތަކުން ބޭނުން ކުރަމުންދާ ފެނަނަށް ޑިސްކައުންޓެއް ދޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. ނަމަވެސް އެއީ ކިހާ ވަރެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. މާލެ ފެނަށް ޖެހުމާއެކު އިންޑިއާ އާއި ޗައިނާ އާއި ސްރީ ލަންކާ އަދި އެމެރިކާ އިން ވެސް ރާއްޖެއަށް އަންނަނީ ފެނުގެ އެހީ ފޯރުކޮށް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ