ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ޖޫން ހަ ވަނަ ދުވަހަށް އަވަސްކޮށްފި

މިހާރު ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ޖޫން ހަ ވަނަ ދުވަހަށް އަވަސްކޮށްފި އެވެ. އެ ދާއިރާގެ ބައި އިލެކްޝަން ކުރިން ބާއްވާގޮތަށް އޮތީ ޖޫން 13ގަ އެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ "ހަވީރަ"ށް މިއަދު ވިދާޅުވީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން އަވަސްކޮށް، ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ޖޫން 13 ގައި ކުރިއަށް ގެންދާ ގޮތަށް މިހާރު ހަަމަޖައްސާފައިވާ ކަމަށެވެ. އެގޮތަށް ހަމަޖެއްސީ، ރޯދަ މަހުގެ ކުރިން އިންތިހާބުގެ ކަންކަން ނިންމާލުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމް ކުރުުންނެވެ.ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުން މާދަމާއިން ފެށިގެން މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ. ދިއްގަރު ދާއިރާގެ ގޮނޑިއަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ދެ ބޭފުޅެކެވެ. އެއީ މ. އަތޮޅު ކައުންސިލްގެ ރައީސް އަދި ޕީޕީއެމްގެ މެމްބަރު މޫސާ ނަސީރާއި އަދާލަތު ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ޒާހިރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ