މިދިޔަ އަހަރުގެ ތެރޭގައި ސިވިލް ކޯޓުން 2،000 އަށްވުރެ ގިނަ މައްސަލަ ބަލައި ނިންމާފައިވާ ކަމަށް އެ ކޯޓުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.
އެ ކޯޓުގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކޯޓަށް ހުށަހަޅާފައި ވަނީ 2،277 މައްސަލަ އެވެ. ނަމަވެސް ކުރީގެ މައްސަލަތަކާ އެކު މިދިޔަ އަހަރު އެ ކޯޓުން ވަނީ 2،412 މައްސަލަ ބަލައި ނިންމައިފަ އެވެ. މިދިޔަ އަހަރު ފެށުނު އިރު ކުރީ އަހަރުތަކުގެ މައްސަލަތަކުގެ ތެރެއިން 1،735 މައްސަލަ ހުއްޓެވެ. މިދިޔަ އަހަރުގެ ނިޔަލަށް ނުނިމި ހުރީ 1،601 މައްސަލަ އެވެ.
މިދިޔަ އަހަރު ސިވިލް ކޯޓުގެ ބަޖެޓުން 19،800،000ރ. ހަރަދުކޮށްފައި ވާއިރު 2011 ވަނަ އަހަރު އަހަރު ހަރަދުކޮށްފައި ވަނީ 19،200،000ރ. އެވެ. އެހެންކަމުން 2011 ވަނަ އަހަރަށްވުރެ މިދިޔަ އަހަރު އެ ކޯޓުގެ ބަޖެޓުން ކުރެވުނު ހަރަދުތައް ބޮޑުވެފައިވެ އެވެ. މިދިޔަ އަހަރު ސިވިލް ކޯޓަށް ލިބުނު އާމްދަނީ ކުރީ އަހަރުގެ އާމްދަނީ އަށް ވުރެ އިތުރެވެ. އެގޮތުން 2011 ވަނަ އަހަރު 267،431ރ. ލިބުނު އިރު މިދިޔަ އަހަރު ވަނީ 478،105ރ. ލިބިފަ އެވެ.
ރިޕޯޓުގައިވާ ގޮތުން ސިވިލް ކޯޓުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންގެ އަދަދު މަދުވަމުން ދިއުމަކީ ކޯޓުގެ ހިދުމަތް އަވަސްކުރުމަށް އެޅިފައިވާ ހުރަހެކެވެ.
މިދިޔަ އަހަރު ސިވިލް ކޯޓުން 2،000 އަށްވުރެ ގިނަ މައްސަލަ ނިންމާފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ