ގާސިމް ބަންދު ކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަންދު ކުރި މައްސަލައިގެ އިސްތިއުނާފްގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
ގާސިމް ހައްޔަރުކޮށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާއިރު އެއީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެއެވެ. އެނގިފައިވާ ގޮތުގައި މިއަދު އެ މައްސަލައިގެ އަޑުއެހުން ބާއްވާފައި ވާއިރު ގާސިމް ގެ ވަކީލުން ވަނީ މައިގަނޑު ހަތަރު ނުކުތާއެއް ފާހަގަ ކޮށްފައެވެ.
ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ހުށައެޅީ ފުލުހުން ކަމަށާއި މަޖިލީހުގެ މެންބަރަކު ހައްޔަރު ކުރުމުގެ އަމުރަކަށް ޕީޖީން އެދެން ޖެހޭ ފަދައިން ބަންދުގެ މުއްދަތު އިތުރު ކުރުމަށްވެސް އެދެން ޖެހޭނީ ޕީޖީއިން ކަމަށެވެ.
ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ލިޔެކިއުންތައް ފޮނުވާފައިވަނީ ފުލުހުން ކަމަށާއި ޕީޖީން ކުރި މަސައްކަތަކީ ހަމައެކަނި އަނގަބަހުން ކުރި މަސައްކަތް ކަމަށް ހިސާން ވިދާޅުވިއެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާ އެއް އުފުލާފައެވެ. އެއީ ރިޝްވަތު ދިނުމަށް ހުށައެޅުމާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރަން އުޅުމާއި ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ