ށ.ފުނަދޫ ސްކޫލް ދަރިވަރުންނަށް ހިންގި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމާލައިފި

ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ށ. ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމައި ދަރިވަރުންނަށް ސެޓުފިކެޓު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ށ.ފުނަދޫ ޕޮލިސް ސްޓޭޝަނާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓުމަންޓު ގުޅިގެން ފުނަދޫ ސްކޫލްގެ ގްރޭޑް 7 އަދި ގްރޭޑް 8 ގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނީޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި 36 ދަރިވަރުން ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ.
މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮގަސްޓް 8 ވަނަ ދުވަހުގެ ރޭ ފުނަދޫސްކޫލުގައެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ށ. އަތޮޅު ކޮމާންޑަރ ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ފާއިޒެވެ.
މި ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނާއި ޤަވާއިދުތަކަށް ދަރިވަރުން ހޭލުންތެރިކުރުމާއި ޓްރެފިކް ނިޝާންތަކާއި، ދުއްވުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާއި، ދުއްވާފަރާތްކުން ޢަމަލުތައް ބަހައްޓަންވީ ގޮތާއި، ދުއްވާ އުޅަނދުތައް ހުންނަންޖެހޭ މިންގަނޑުތައް ކިޔައި ދީފައިވެއެވެ. މީގެ އިތުރުން އެކްސިޑެންޓްތައް ހިނގަން ދިމާވާ ސަބަބުތަކާއި، އަދި އެކްސިޑެންޓްތަކުން ސަލާމަތްވުމަށް ސަމާލުކަންދޭންވީ ކަންކަމާއި، މަގު ހުރަސްކުރުމާއި، ހިނގާބިނގާވެ އުޅުމުގައި ރައްކާތެރި ގޮތްތަކާއި، މީހުންނާއި މުޢާމަލާތުކުރަންވީ ރީތި ޢަދަބުތަކާއި މަގުމަތީގެ ސުލޫކާއި އަޚްލާޤް ކިޔައިދީފައިވެއެވެ.
މި ޕްރޮގްރާމްގައި، ސްކޫލު ދަރިވަރުންގެ އިތުރުން މިލަންދޫގައި ހުރި މުއައްސަސާތަކުގެ ބޭފުޅުންނަށާއި، ސްކޫލުގެ މުވައްޒަފުންނަށާއި އަދި ރަށުގެ ރައްޔިތުންނަށް އަމާޒުކޮށް ޓްރެފިކްގެ މަޢުލޫމާތު ދިނުމުގެ ސެޝަން ތަކެއްވަނީ ކުރިއަށް ގެންގޮސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ