ވެމްކޯއަށް ސަރުކާރުން ހޭދަކުރަންޖެހެނީ ގޭބިސީތަކުން ފައިސާ ނުދައްކާތީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ހިންގުމަށް ސަރުކާރުން ހޭދަ ކުރަން ޖެހެނީ ކުނި އުކުމުގެ ހިދުމަތް ހޯދާ ގޭބިސީތަކުން ގަވައިދުން ފައިސާ ނުދައްކާތީ ކަމަށް އެކުންފުނިން ބުނެފިއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ފައިނޭންސް މެނޭޖަރު މުހައްމަދު އިގްބާލު ވިދާޅުވީ، ވެމްކޯއިން ކުނި އުކުމުގެ ހިދުމަތް ހޯދާ ފަރާތްތަކުން ގަވައިދުން ފައިސާ ދައްކާނަމަ އެކުންފުންޏަކީ ލިބޭ އާމްދަނީން ކުންފުނި ހިންގުމުގެ ހަރަދު ބެލެހެއްޓުމުގެ ގާބިލުކަން ހުންނާނެ ކުންފުންޏެއް ކަމަށެވެ.
އިގްބާލް ވިދާޅުވީ، ގަވައިދުން ފައިސާ ދައްކަމުން ދަނީ ހިދުމަތް ހޯދާ 20،000 ގޭބިސީގެ ތެރެެއިން 40 އިންސައްތަ ގޭބިސީ އަކުން ކަމަށެވެ. ގަވައިދުން ފައިސާ ނުދައްކާ 60 އިންސައްތަ ގޭބިސީގެ ތެރޭގައި ދިގު މުއްދަތަކަށް ފައިސާ ނުދައްކާ ގޭބިސީތައް ވެސް ހުރި ކަމަށް އިގްބާލު ވިދާޅުވިއެވެ.
އިގްބާލު އުތުރަށް ވިދާޅުވީ، ގަވައިދުން ފައިސާ ނުދެއްކާތީ ކުންފުނި ހިންގުމަށާއި މުވައްޒަފުންގެ މުސާރަ ދިނުމަށް ވެސް ސަރުކާރުގެ ބަޖެޓުން ހޭދަކުރަން ޖެހުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
"ކުންފުނި ހިންގަން ސަރުކާރުން މިނެގެނީ އެންމެހާ ރައްޔިތުންގެ ޓެކްސް ފައިސާ. އަދި ވެމްކޯއަކީ ޖީއެސްޓީއަށް ރެޖިސްޓާޑް ކުންފުންޏަކަށްވާތީ، ހަމަ އެ ފައިސާވެސް ސަރުކާރައް ދައްކަންޖެހޭ. އަދި ފައިސާ ނުދެއްކިއްޖެއްޔާ ޖޫރިމަނާވެސް ނެގޭނެ."
އިގްބާލު ވިދާޅުވިއެވެ.
ގޭބިސީތަކުން އުފެދޭ ކުނި ވެމްކޯ އިން އުކައިދެނީ 100 ރުފިޔާ އާއި 150 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ