ވިލިނގިލީ ސަރުކާރު އޮފީސްތައް ހުއްޓުމަކަށް، ކަރަންޓުގެ މައްސަލަ ހައްލުވާން ދެދުވަސް ނަގާނެ

ގއ. ވިލިނގިލީ އިންޖީނުގޭ ޖެނެރޭޓަރެއްގެ ބޯޑީ ފަޅައިގެން ދިޔުމުގެ ސަބަބުން، މިއަދު އޮފީސްތަކަށް ކަރަންޓު ނުދެވުމުން ހުރިހާ އޮފީސްތައް ހުއްޓުމަކަށް އައިސްފި އެެވެ. ކަރަންޓު މައްސަލަ ހައްލުވާނ ދެދުވަސް ނަގާނެ ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެއެވެ. އިއްޔެ ހަވީރު 5:00 އިން ފެށިގެން ވިލިނގިލީ އިންޖީނުގޭ 800 ކިލޯ ވޯޓުގެ ޖެނެރޭޓް ހަލާކުވުމުގެ ސަބަބުން މުޅި ރަށަށް އެއްފަހަރާ ކަރަންޓު ދިނުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން މިއަދު ވިލިނގިލީގައި ސަރުކާރު އޮފީސްތަކަށް ކަރަންޓު ދީފައި ނުވާއިރު، އާންމު ގެތަކަށް ވެސް މުޅިން ކަރަންޓް ދެވޭ ވަރެއް ނުވެއެވެ. ވިލިނގިލިން ކަރަންޓުގެ މައްސަލަ ދިމާވަމުންދާތީ، އެރަށުން ކައުންސިލް، ކޯޓު އަދި ބޭންކްގެ ހިދުމަތް ފަދަ ހިދުމަތްތައް މިއަދު ނުލިބޭ ކަަމަށް އާންމު ބައެއް ރައްޔިތުން ވަނީ ބުނެފައެވެ. ގއ. އަތޮޅު ކައުންސިލްގެ ރައީސް، އަހްމަދު ފުއާދު "ސަން" އަށް ވިދާޅުވީ، މއިަދު ވިލިނގިލީ އެއްވެސް އޮފީހަކަށް މިއަދު ކަރަންޓު ދީފައި ނުވާ ކަމަށާއި މާދަމާވެސް އެއްވެސް އޮފީހަކަށް ކަރަންޓް ލިބޭނެ ކަމުގެ ޔަގީން ކަން ނެތް ކަމަށެވެ. "ހޮސްޕިޓަލު، ދިރާގު އަދި އުރިދޫ ގައި ކަރަންޓް ދެމުން އަންނަނީ އެ އިދާރާތަކުގެ ބެކަޕް ޖެނެރޭޓަރު ބޭނުން ކޮށްގެން. ދެން ހުރި ސަރުކާރު އޮފީސް ތަށް މިއަދު ކަރަންޓު ނެތުމުން ވަނީ ބަންދުކޮށްފައި،" ފުއާދު ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ އިސްފަރާތްތަކާ ބައްދަލު ކުރެއްވި ކަމަށާއި ތިނަދޫ ގައި ހުރި 1600 ކިލޯ ވޯޓުގެ ޖެނެރޭޓަރު ވިލިނގިޔަށް ގެންދިޔުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން ގެންދާ ކަމަަށެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑީރެކްޓަރު މުހައްމަދު ސައީދު އަހްމަދު މިއަދު "ސަން" އަށް ވިދާޅުވީ، ތިނަދޫގައި ހުރި ޖެނެރޭޓަރެއް ވިލިނގިއްޔަށް ގެންދިޔުމުގެ މަސައްކަޔް އެކުންފުނިން ކުރަމުން ގެންދާ ކަމަށާއި ކަރަންޓުގެ މައްސަލަ ހައްލުވުމަށް ދެދުވަސް ނަގާނެ ކަމަށެވެ. ސައީދު ވިދާޅުވީ، އަންނަ މަސް ތެރޭ ވިލިނގިލީ ފެނަކަ ބުރާންޗަށް އާ ޖެންސެޓެއް ގެނެވޭ ވަރު ވާނެ ކަމަށާއި އާ ޖެންސެންޓް އޭގެ އާލާތްތައް ގެނެވުމުން ވިލިނގިލީ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށެވެ. ވިލިނގިލީގެ ބޮޑު ބައެއް ގައި ކަރަންޓު ނެތުމަކީ، އެ ކުންފުނިން ހިތާމަ ކުރާ ކަމެއް ކަމަށާއި މި ދަނޑިވަޅުގައި ރައްޔިތުން ކެތްތެރިވެ، އެއްބާރުލުން ދިނުމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ