މީހުން ޓްރެފިކްކުރުން ހުއްޓުވާ ކޮމިޓީއަށް މެމްބަރު ޖީހާން އައްޔަން ކުރަން ފާސްކޮށްފި

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ، ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމިޓީ އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ ގޮތުގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ، ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމިޓީއަށް ޖީހާން އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 81 މެމްބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ހެނދުނު ދަންފަޅީގައި، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމިޓީ އަށް ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ މެންބަރަކު ކަނޑައެޅުމުގެ މައްސަލަށް ގޮތެއް ނިންމުމަށް ހުޅުވާލުމުގެ ފުރުސަތުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާނު މަހްމޫދުގެ ނަމެވެ. ރޮޒައިނާގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އެވެ.
ޖީހާންގެ ނަން ފިޔަވައި އިތުރު ނަމެއް މަޖިލީހަށް ހުށަހެޅިފަ އެއް ނުވެ އެވެ. ޖިހާނަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ކުރީގެ މެމްބަރެކެވެ.
މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓްރެފިކް ކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމިޓީ އެކުލަވާލެވިފައި ވަނީ 14 މެމްބަރުންގެ މައްޗަށެވެ. އެއީ:
1. ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެ މަޖީލީހުގެ މެމްބަރެއް
2. ސުޕްރީމް ކޯޓުން ކަނޑައަޅާ އެކޯޓުގެ ފަނޑިޔާރެއް
3. ހިއުމަން ރައިޓްސް ކޮމިޝަނުން ކަނޑައަަޅާ އެކޮމިޝަނުގެ މެމްބަރެއް
4. ކަމާބެހޭ މިނިސްޓްރީން ކަނޑަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް
5. އެޓާނީ ޖެނަރަލް ކަނޑައަޅާ އެ އޮފީހުގެ ގާނޫނީ ވަކީލެއް
6. ޕްރޮސެކިއުޓަ ޖެނަރަލް ކަނޑައަޅާ އެ އޮފީހުގެ ގާނޫނީ ވަކީލެއް
7. މޯލްޑިވްސް އިމިގްރޭޝަން ކޮންޓްރޯލަ ކަނޑައަޅާ އެ އޮފީހުގެ މުވައްޒަފެއް
8. ފޮރިން މިނިސްޓްރީން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް
9. ފުލުހުންގެ މުއައްސަސާ އިން ކަނޑައަޅާ އެ މުއައްސަސާގެ އޮފިސަރެއް
10. މޯލްޑިވްސް ކަސްޓަމްސް އިން ކަނޑައަޅާ އެ އޮފީހުގެ އޮފިސަރެއް
11. ލޭބަ ރިލޭޝަންސް އޮތޯރިޓީން ކަނޑައަޅާ އެ އޮތޯރިޓީގެ މުވައްޒަފެއް
12. ހޯމް މިނިސްޓްރީން ކަނޑައަޅާ އެމިނިސްޓްރީގެ މުވައްޒަފެއް
13. އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް
14. މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތްތަކުން ހުށަހަޅާ އެޖަމާއަތްތަކުގެ މެމްބަރެއް
މީހުން ޓްރެފިކް ކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން މީގެ ކުރިން އިންނެވީ ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އެވެ. މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ރަޝީދު އިންތިހާބު ވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ