ކަރަންޓު ދަންތޫރަ ނުޖަހަން ސީޕީ އެދިވަޑައިގެންފި

ގއ. ވިލިނގިލީގައި ވަގުން ހިފަން ޖަހާފައިހުރި ކަރަންޓް ދަންތުރައެއްގައި ޖެހި ހުސެއިންް ސިމާދު މަރުވުމާ ގުޅިގެން އެފަދަ ދަންތުރަ ނުޖެހުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި ސިމާދު މަރުވެފައިވަނީ ކަރަންޓްގައި ޖެހިގެން ކަމަށެވެ. އެހެންކަމުން މުދާ ރައްކާތެރި ކުރުމަށް ކަމަށް ވީ ނަމަވެސް މީހުންގެ ފުރާނައަށް ގެއްލުންވާ ފަދަ ކަންކަން ނުކުރުމަށް އެކްޓިން ސީޕީ އެދިވަޑައިގެންނެވި އެވެ.
ސިމާދު މަރުވެފައިވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ހަރުގޭގައި ޖަހާފައި ހުރި ކަރަންޓް ދަންތުރައިގައި ޖެހިގެނެވެ. ސިމާދަކީ އައްޑޫ އަތޮޅަށް ނިސްބަތްވާ މީހެކެވެ. ސިމާދަކީ އައްޑު އަތޮޅު މީހެއް ނަމަވެސް އޭނާ ދިރިއުޅެމުން އައީ ވިލިނގިލީގަ އެވެ.
އެނގިފައިވާ ގޮތުގައި ހަރުގެ ބެލެހެއްޓި މީހާ އެފަދަ ދަންތުރައެއް ހަދަން ޖެހުނީ ކެނޑިނޭޅި އެ ހަރުގެއިން ވައްކަން ކުރަމުންދާތީ ފުލުހުންނަށް އެ މައްސަލަ އެތައް ފަހަރަކު ހުށަހަޅައި އަޅައި ނުލައިގެނެވެ. އަދި މުދާ ރައްކާތެރިކުރުމުގެ ނިޔަތުގަ އެވެ.
ސިމާދަކީ މިދިޔަ ނޮވެމްބަރު މަހު ބީއެމްއެލްގެ ވިލިނގިލީ ބްރާންޗު ފަޅާލި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ