ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކިބައިން މައާފަށް އެދުމަށް މީޑިއާ ކައުންސިލުން ވަގުތު ނޫހަށް އަންގައިފިއެވެ.
މީޑިއާ ކައުންސިލުން ވަގުތު ނޫހަށް މިހެން އަންގާފައިވަނީ، "ބުދު ދީންވެސް ރާއްޖެއަށްވުރެ ރަނގަޅު: މެންބަރު އިމްތިޔާޒު" އާއި "ބުދު ދީނަށްވުރެ ރާއްޖޭގެ ކަންކަން ގޯސް: މެންބަރ އިމްތިޔާޒު" މި ދެ ސުރުހީގެ ދަށުން ވަގުތު އޮންލައިން ނޫހުން ޝާއިއުކޮށްފައިވާ ކޮންޓެންޓާ ގުޅިގެން އިމްތިޔާޒު ފަހުމީ މީޑިއާ ކައުންސިލަށް ހުށައަޅާފައިވާ މައްސަލައެއް ބެލުމަށްފަހުގައެވެ.
މީޑިއާ ކައުންސިލުން ބުނީ މި މައްސަލަ ބެލި ކޮމެޓީން ނިންމާފައިވަނީ މިއީ ވަކި ފަރުދެއްގެ ދީނީ މަސްލަހަތާ ގުޅުވައިގެން ޝާއިއުކޮށްފައިވާ ކޮންޓެންޓަކަށްވެފައި، މިއީ ދިވެހި މީޑިއާތަކުގެ ހަމަތަކާއި، އަހްލާގީ މިންގަނޑާ ހިލާފު ކޮންޓެންޓެއްކަމަށް ގަބޫލުކުރެވޭތީއާއި އަދި ކޮމެންޓް ޝާއިއުކުރުމުގައިވެސް ދިވެހި މީޑިއާތަކުގެ ހަމަތަކާއި ދީނީ އަދި އަހްލާގީ މިންގަނޑާއި ހިލާފުވެފައިވާތީ އެލިޔުން އިސްލާހުކުރަން އަންގާ ކަމަށެވެ.
އަދި އެ ލިޔުމުގެ ދަށުން ޝާއިއުކޮށްފައިވާ ކޮމެންޓްތައް އުނިކުރުމަށް އެފަރާތަށް އެންގުމަށާއި އެގޮތަށް ލިޔެ ޝާއިއުކުރެވިފައިވާތީ އެއީ ރަނގަޅަށް ކުރެވިފައިވާ ކަމެއް ނޫން ކަމަށް ދެކި މައްސަލަ ހުށަހެޅި ފަރާތްކަމުގައިވާ އިމްތިޔާޒު ފަހުމީއަށް ސިޓީއަކުން މައާފަށް އެދުމަށް މީޑިއާ ކައުންސިލުން ވަނީ ވަގުތު ނޫހަށް އަންގައިފައެވެ.
ސިޓީއަކުން މައާފަށް އެދުމަށްފަހު ވަގުތު އޮންލައިނުގައި އިމްތިޔާޒު ފަހުމީގެ ކިބައިން މައާފަށް އެދޭކަން އެނގޭގޮތަށް 23 މޭ 2019ގެ ނިޔަލަށް މީޑިއާ ކައުންސިލަށް އަންގަންޖެހޭނެ ކަމަށްވެސް މީޑިއާ ކައުންސިލުން ބުނެއެވެ.
މެމްބަރު އިމްތިޔާޒުގެ ކިބައިން މައާފަށް އެދުމަށް މީޑިއާ ކައުންސިލުން ވަގުތު ނޫހަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ