އީދު ދުވަހު ހަވީރު މާލެ އަދި ވިލިމާލޭގަ ވެހިކަލް ދުއްވުން މަނާވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި

މިއަހަރުގެ އަލްހާ އީދު ދުވަހުގެ ހަވީރުގެ ވަގުތަކީ މާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަދުފަހަރު ދުއްވުން މަނާ ވަގިތެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އެގޮތުން މިމަހުގެ 11 ވާ އަލްހާ އީދު ދުވަހުގެ ހަވީރު 3:30 ން އިރުއޮއްސި 6:30 އާ ދެމެދުގެ ވަގުތަކީ މާލެ އަދި ވިލިމާލޭގެ މަގުތަކުގައި އުޅަނދުތައް ދުއްވުން މަނާ ވަގުތެއް ކަމުގައި ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެގޮތަށް ނިންމީ މާލެ ސިޓީ އަކީ ކާރުބާރު ބޮޑު ތޮއްޖެހިފައިވާ ސަރަހައްދަކަށް ވުމާއެކު އަލްހާ އީދުގެ އުފާ ފާޅުކުރުމަށް ރައްޔިތުން މަގުމައްޗަށް ނުކުމެ ހިނގާބިނގާވެ އުޅުމުގެ ފުރުސަތު ފަހި ކޮށްދިނުމަށްޓަކައި ކަމަށެވެ.
އަދި މިފަދަ ހާއްސަ ދުވަސްތަކުގެ ވަގުތުކޮޅެއް ހިނގާ ވަގުތުކޮޅެއްގެ ގޮތުގައި ހަމަޖައްސާދިނުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެދެމުންދާ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
އުޅަނދު ދުއްވުން މަނާކަމަށް ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ވަގުތުތަކުގައި ހަމައެކަނި ދުއްވޭނީ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި، އެމްބިއުލަންސް އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ އުޅަނދުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތުގައި ދެމުންދާ ބަހުގެ ހިދުމަތެވެ.
މާލޭ ސިޓީ ކައުންސިލުން މީގެ ކުރިންވެސް ވަނީ ހާއްސަ ދުވަސްތަކުގައި ފައިމަގުގައި އުޅުމަށް ވަކި ވަގުތެއް ކަނޑައަޅައިފައެވެ. ކައުންސިލުން ބުނާގޮތުގައި އެކަމަށް ރައްޔިތުންގެ ފަރާތުން އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ