އެއާޕޯޓްގައި ވަރަށް އަވަހަށް ނޫޓު ދެނެގަންނަ ކުއްތާ ބޭނުން ކުރަން ފަށާނަން - އުމަރު

ކައިރި މުސްތަގުބަލެއްގައި އެއާޕޯޓުގައި ނޫޓު ދެނެގަންނަ ފާރަތައް ބޭނުން ކުރަން ފަށާނެ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ފާރަ ގެމައިގެ ތަމްރީނުތައް ނިންމާ، ތަމްރީނު ފުރިހަމަ ކުރި ފުލުހުންނަށް ލިޔުން ހަވާލު ކުރުމަށް މިއަދު ހުޅުލޭގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ މަސްތުވާތަކެތި އެތެރެވާ ކަމުގައި ވާނަމަ، އެއަށް ދައްކަން ޖެހޭ ފައިސާ ރާއްޖެއިން ބޭރަށް ނުކުމެގެން ދާނެ ކަމަށެވެ.
މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވުމަށް ކުރަމުން އަންނަ މަސައްކަތުގައި ސަރުކާރުން ބަލަނީ ހަމައެކަނި އެތެރެވާ އެއްޗެއްސަށް ނޫންކަމަށާއި، ރާއްޖެއިން ބޭރަށް ނުކުންނާނެ ފައިސާއަށްވެސް ބަލަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެގޮތުން ފައިސާ ހޯދާ ދެނެގަތުމަށް ބައެއް ކުއްތާ ވަނީ ތަމްރީނު ކުރެވިފައި، އެ ކުއްތާ ތަކަށް، މީހެއްގެ އަތުގައި ގިނަ އަދަދަކަށް ނޫޓު ހުރި ކަމަށް ވަންޏާއި ވަސް ބަލައިގެން އެ ނޫޓު ހޯދައި ގަނެވޭނެ. އެހެންވީމާ އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އެއާޕޯޓުގެ ކަމާބެހޭ ސަރަހައްދުގައި ނޫޓު ދެނެގަންނަ ކުއްތާތައް މަސައްކަތް ކުރަމުން ދާނެ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ފާހަގަ ކުރެއްވި ގޮތުގައި މި ކަމުގެ ސަބަބުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގެ އިތުރުން، އެއަށް ބޭނުންވާ ޕޭމަންޓު ހެދުމަށް ދައްކަންޖެހޭ ފައިސާ ރާއްޖެއިން ބޭރުވުން ހުއްޓުވޭނެއެވެ.
މިނިސްޓަރ ވިދާޅުވީ ކޮންމެ މީހަކާ ހަވާލުކޮށްފައިވެސް މަސްތުވާތަކެތި އެތެރެކޮށްފާނެ ކަމަށާއި، އެހެން ނަމަވެސް މަސްތުވާތަކެތި އެތެރެކުރުމަށް ބޭނުންވާ ފައިސާއާއި ހަވާލުވެގެން ދާނީ އެކަމުގައި އުޅޭ ބޮޑު މީހެއް ކަމަށެވެ.
"ފައިސާއެއް ނުދާނެ ކޮންމެ ކޮންމެ މީހަކު ހިފައިގެންނެއް. ފައިސާ ދާނީ ގިނަ ފަހަރަށް އެ ޕޭމަންޓް ހަދަން ޖެހޭ މީހާ ހިފައިގެން."، އުމަރު ވިދާޅުވިއެވެ.
މި ފާރަ ގެމައިގެ އެހީގައި މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމުގެ އިތުރުން، ބޭރުވާ ފައިސާވެސް ހުއްޓުވޭނެ ކަމަށް އުމަރު ވިދާޅުވެފައި ވާއިރު، މިއަދުގެ ރަސްމިއްޔާތުގައި ވަނީ ފާރަ ބޭނުންކޮށްގެން ބްރީފްކޭހެއްގައި ފޮރުވާފައިވާ ފައިސާ ހޯދާނެ ގޮތް ދައްކާލާފައެވެ.
ފާރަ ގެމައިގައި ޖުމްލަ 16 ކުއްތާ މިހާރު ހިމެނޭ އިރު، ކުއްތާތައް އިތުރުކޮށް، އަތޮޅު ތެރެއަށްވެސް ފޮނުވާނެ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ