ސަފާގެ މަސްތުވާތަކެތީގެ ވިއުގައިގައި ހިމެނޭ މީހަކު ޖަލަށްލުމަށް ކުރި ހުކުމަށް ހައި ކޯޓުން ތާއީދު

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ މ.ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒް އަބްދުލްރައްޒާޤްގެ މަސްތުވާތަކެތީގެ ވިއުގައިގައި ހިމެނޭ އޭނާގެ ބައިވެރިއެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން، މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނުކަމުގެ ކުށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރުމަށްފަހު ތ. ތިމަރަފުށީ ކަރަންކާވިލާ އިސްމާއިލް ޝަހީމް 18 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފައި ވަނީ އިއްޔެއެވެ.
ކްރިމިނަލް ކޯޓުން ޝަހީމްގެ މައްޗަށް ހުކުމް ކުރީ، 18 އަހަރަށް ޖަލަށް ލުމަށާއި 75،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. މި ހުކުމް ކޮށްފައިވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރަން ހައި ކޯޓުން ހުކުމް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. ޝަހީމްގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށާއި، ދަށު ކޯޓުގެ ހުކުމް ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ދެ ފަނޑިޔާރުން ކަނޑައެޅުއްވި އިރު، އެއް ފަނޑިޔާރަކު ވަނީ އެ ހުކުމް ބާތިލް ކަމަށް ކަނޑައަޅުއްވާފައެވެ.
އެގޮތުން ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ތާއީދާ އެކު ހައި ކޯޓުން އިއްވި ހުކުމްގައި ބުނެފައި ވަނީ މަސްތުވާތަކެތި ފެނުނު ކޮޓަރި ތެރޭގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ޝަހީމް ބުނި ނަމަވެސް ފުލުހުން އެތަނަށް ވަނުމުން އޭނާ އަމަލުކުރި ގޮތުން އެތަނުގައި މަސްތުވާތަކެތި ހުރިކަން ޝަހީމަށް އެނގޭކަން ސާބިތުވާ ކަމަށާއި، އެހެންކަމުން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ނަމަވެސް ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ ރައުޔަކީ ހެކިން ހެކިބަސް ދީފައިވާ ގޮތަށް ބަލާއިރު ޝަހީމް މަސްތުވާތަކެތި ގެންގުޅުނުކަން ނުވަތަ މަސްތުވާތަކެތި ފެނުނު ކޮޓަރީގައި ޝަހީމް ހުރީ އެތަނުގައި އެތަކެތި ހުރިކަން އެނގިހުރެގެން ކަން ސާބިތުނުވާ ކަމަށާއި، އެހެންކަމުްނ އޭނާގެ ރައުޔަކީ ޝަހީމަށް އިއްވި ޖަލު ހުކުމް ބާތިލް ކުރަން ޖެހޭ ކަމަށެވެ.
މި މައްސަލައިގައި ސަފާގެ އިތުރުން އެހެން ބައެއްގެ މައްޗަށް ވަނީ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓުން ވަނީ އޭގެ ތެރެއިން ތިން މީހަކު މިނިވަން ކޮށްފައެވެ. ކްރިމިނަލް ކޯޓުން، މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނުކަމުގެ ކުށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސަފާގެ މައްޗަށް ސާބިތު ކުރި ހުކުމާއި ސަފާގެ އިތުރުން ހދ.ކުޅުދުއްފުށީ، ދޮންފަތްބަގީޗާގޭ އަބުދުއްސައްތާރު އަލީއާއި، މ. ކުދެހިގޭ ހުސައިން އާތިފް ގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްވެސް ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ