ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ ދިވެހި ގައުމަށް ކޮށްދެއްވާފައިވާ ކަންތައްތަކުން އެ މަނިކުފާނަށް ދިވެހި ގައުމު ދަރާފައިވާ ދަރަނި ވަރަށް ބޮޑު ކަމަށް ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ޑރ. އަބްދުއްސަމަދު ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެން ފޮރިން މިިނިސްޓްރީގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި މިއަދު ލިޔުއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
މައުމޫން ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްތަކެއް ކޮށްދެއްވުމަށް ފަހު، މިހާރުގެ ސަރުކާރުގެ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ވެސް ޑރ. ސަމަދު ކޮށްދެއްވި ހުރިހާ ކަމަކަށް ދަރާފައިވާ ދަރަނި ވަރަށް ބޮޑު ކަމަށެވެ.
"ފަހުން ފޮރިން މިނިސްޓަރުގެ މަގާމު ލިބިވަޑައިގަންނަވައިގެން ދިވެހި ރާއްޖެ އާއި އެކުވެރި ގައުމުތަކާ އިތުރަށް ގުޅުން ބަދަހިކުރައްވައި ރާއްޖެ އާއި ބައިނަލުއަގުވާމީ ޖަމާއަތްތަކާ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް [ޑރ. ސަމަދު] މަސައްކަތްތަކެއް ކުރެއްވި... އެހެންވީމާ މި ހުރިހާ ކަމަކަށް ޓަކައި މަރުހޫމު ޑރ. އަބްދުއްސަމަދު އަބްދުﷲ އަށް ދަރަނިވެފައިވާ ދަރަނި ވަރަށް ބޮޑު،" މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ ވެރިކަމުގައި ޑރ. ސަމަދު ކުރެއްވި ހިދުމަތްތައް ފާހަގަކުރައްވައި މައުމޫން ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ޑރ. ސަމަދު ހިދުމަތްކޮށް ދެއްވީ މިނިސްޓްރީ އޮފް ހެލްތުގެ ނެޝަނަލް ހެލްތު ސާވިސަސްގައި ކަމަށެވެ. އެގޮތުން 11 އަހަރު ރާއްޖޭގެ ސިއްހީ ދާއިރާ ފުޅާކޮށް ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވާފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
އަދި އޭގެ ފަހުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގައި ހުންނަވައިގެން ސަރަހައްދީ ކޮމިއުނިޓީ ސާވިސަސްގެ ރޮނގުން ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ކަމަށާއި ބަންގްލަދޭޝް އަށް ރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަން ވެސް އެމަނިކުފާނު ކުރައްވާފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
ޑރ. ސަމަދަށް ދަރާފައިވާ ދަރަނި ވަރަށް ބޮޑު: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ